ޚަބަރު

ހަލާކުވަމުންދާ ތަރިކަތަކަށް ފަރުވާދޭނެ ޚާއްޞަ ލެބޯޓްރީއެއް ޤާއިމްކުރަނީ


  • ލެބޯޓްރީ އެޅުމަށް މަޝްވަރާކުރެއްވީ ޗައިނާ ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި

  • މި ދާއިރާއިން އެއްބަސްވުމެއް އެކުލަވާލާނެ

ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮންޒަރވޭޝަން ލެބްރޮޓްރީއެއް ޤާއިމުކުރުމާ ބެހޭ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ބަދަހިވި ގުޅުމާއެކު ޗައިނާއިން ވަނީ ރާއްޖެއަށް ސަގާފީ ގޮތުން ވެސް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ޗައިނާގެ ސަފީރު ވަން ލީ ޝިން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ދެ ޤައުމުގެ ބަދަހި ގުޅުމުގެ ތެރޭން ސަގާފީ ގޮތުން ދެފަރާތުން ހިއްސާކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ ބައެއް އެހީތެރިކަމާ މެދު މަޝްވަރާ ކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ އެވޭލާ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި ހަލާކުވަމުން ދާއިރު، ކަމާ ބެހޭ ލެބްރޮޓަރީއެއް ނެތުމުގެ ސަބަބުން އެ ތަކެއްޗަށް ދޭން ޖެހޭ ޢިލްމީ ފަރުވާ ރާއްޖޭން ދެވެން ނެތުމުގެ ދަތިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެކަމާ ގުޅިގެން އެ ފަދަ ލެބްރޮޓްރީއެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުމުގެ މަސައްކަތް ހުށަހެޅުމަށް ވިދާޅުވެ ޗައިނާ ސަފީރު އެ ކަމަށް މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިބަހުގެ ވުޒާރާއާ ޗައިނާއާ ދެމެދު އެއްބަސްވުމެއް އެކުލަވައިލައި، ދެ ޤައުމުގެ ކަލާސިކީ ލިޔުންތައް ތަރުޖަމާކޮށް ޗާޕުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ދާރުލްއާސާރުގެ އިމާރާތް މަރާމާތުކުރުމާއި އާސާރު ތަރައްޤީކުރުމާ ބެހޭ ކަންކަމުގައި ޗައިނާއިން ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

އާދަމް ނަޞީރު އިބްރާހީމްގެ ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަގާފީ ތަރިކައާ ބެހޭ ތަޞައްވުރުގެ ހޭލުންތެރިކަމާއެކު ދާރުލްއާސާރަށް ޒިޔާރަތްކުރާ މަދަރުސާކުދީންނާއި އާންމުން އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.