ޚަބަރު

ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތް ހަފްތާ-14ގެ ތެރޭގައި ފެށޭނެ: ޑރ. ޝަފީޢު


  • ހަފްތާ 14 ނިމުމުގެ ކުރިން ބިންގާ އަޅާނެކަމަށް ވިދާޅުވީ

  • ސްކޫލް ހިންގުމަށް ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވީ

  • ޢަރަބި ބަހުން ކިޔަވައިދޭ ދިވެހި މުދައްރިސުން ތަމްރީން ކުރައްވާނެކަމަށް ވިދާޅުވި

އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތް އެޅުމަށްޓަކައި ކޮންސެޕްޓް ޑިޒައިންކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ.

އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ ޢަރަބިއްޔާ ސްކޫލަކީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ސްކޫލެއްކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ޢަރަބިއްޔާއަށް ވަކި ސްކޫލެއް ޤާއިމުކުރުމަށް ހިމަނުއްވާފައިވަނީ އެ ސްކޫލަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުންކަމަށެވެ.

އެގޮތުން ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށިގައި ޢަރަބިއްޔާ ސްކޫލް އެޅުމަށް ހަމަޖައްސާ، ސްކޫލްގެ ކޮންސެޕްޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ޢަރަބިއްޔާ ސްކޫލްގެ ޢަމަލީ މަސައްކަތް ހަފްތާ 14 ނިމުމުގެ ކުރިން ފަށްޓަވާނެކަމަށެވެ.

ވަޒީރު ވިދާޅުވީ ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް ބާޖަމާލުއްދީން ސްކޫލު ހުރި ބިމުގައި ނާޅަން ނިންމީ، އެ ބިމަކީ ވަށައިގެން ވަރަށް ހަނި މަގުތަކެއް އޮތް ބިމެއްކަމަށްވުމުން ޖަމާލުއްދީން ސްކޫލާއި ޢަރަބިއްޔާ ސްކޫލް އެއްތަނެއްގައި ހުރުމުން އެ ސަރަޙައްދުގެ ޓްރެފިކަށް ބާރު ބޮޑުވެ، ދަތިތަކެއް ކުރިމަތިވާނެތީކަމަށެވެ. އަދި އެބިމުގައި ދެން އަޅާނީ ޖަމާލުއްދީން ސްކޫލުގެ ހޯލް ޢިމާރާތާއި ޕާކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި ހަމައެކަނި ޢަރަބި މިޑިއަމްއަށް ކިޔަވައިދޭ ސްކޫލަށްވުމުން އެތަނަށް ޚާއްސަ ސަމާލުކަމެއް ދެއްވަން ރައީސް ބޭނުންފުޅުވޭ. ޢަރަބިއްޔާ ސްކޫލުގެ ކޮންސެޕްޓް ޑިޒައިންކުރަމުން މިދަނީ ކުރަމުން. މިހާރު ދާ ސްޕީޑްގައި މަސައްކަތް ކުރަމުންދާކަމުގައި ވަނީ ނަމަ ހަފްތާ 14 ގެ ކުރިން ބިންގާ އަޅާނެ." ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތުގެ އިތުރުން ސްކޫލް މިހާރު ހިންގަމުން އަނަން ގޮތް ވަރަށް ބޮޑަށް ބަދަލުކުރައްވާނެކަމަށެވެ.

ޚާއްސަގޮތެއްގައި ސެކަންޑަރީ ކްލާސްތަކަށް ކިޔަވައިދެމުން އަންނަ ބިދޭސީ މުދައްރިސުންގެ ބަދަލުގައި ޢަރަބި ބަހުން ކިޔަވައިދޭ ދިވެހި މުދައްރިސުން ތަމްރީންކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޢަރަބި ބަހުން މުދައްރިސުން ތަމްރީން ކުރުމަށް ނިންމާފައިވަނީ ބޭރު ޤައުމުތަކުގެ އެހީގައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 4 އަހަރުގެ ތެރޭގައި އެކަށީގެންވާ ވަރަށް ޢަރަބި ބަހުން ކިޔަވައިދޭ ދިވެހި މުދައްރިސުން ތަމްރީންކުރެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެ މުދައްރިސުން ތަމްރީން ކުރެވުމުން ރާއްޖޭގައި ޢަރަބި ތަޢުލީމް ފުޅާކުރުމަށް އިތުރު ފުރުޞަތެއް ލިބިގެންދާނެކަމަށެވެ.

"ކެމިސްޓްރީއާއި، ފިޒިކްސްއާއި އެހެނިހެން މާއްދާތައްވެސް ޢަރަބި ބަހުން ކިޔަވައިދެވޭނެ ދިވެހިން މުދައްރިސުން ތަމްރީންކުރުމަށް އަޅުގަނޑުމެންނާ ގުޅިފައިވާ ބޭރުގެ ޤައުމުތަކުގެ އެހީގައި ކުރިއަށް ގެންދާނަން. އުއްމީދަކީ 3 އަހަރު ނުވަތަ 4 އަހަރުގެ ތެރޭގައި އެކަށީގެންވާ ޢަދަދަކަށް އެކި އެކި މާއްދާތަކަށް ޢަރަބި ބަހުން ދިވެހިން ތަމްރީންކުރުން. އޭރުން ވަރަށް ބޮޑު ފުރިހަމަކަމެއް ޢަރަބިއްޔާ ސްކޫލަށް ލިބޭނެ. އަދި ރާއްޖޭގައި ޢަރަބި ތަޢުލީމް ފުޅާކުރުމަށްވެސް ފުރުޞަތުތަކެއް ލިބޭނެ" ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.

ޢަރަބިއްޔާ ސްކޫލްގެ ތާރީޚަށް ބަލާއިރު މިއީ އެކި ދުވަސްވަރު އެކި ތަންތަނަށް ބަދަލުކޮށްފައިވާ ސްކޫލެކެވެ. މިގޮތުން ކުރީގެ އީޕީއެސް ސްކޫލާއި މަޖީދީމަގުގައި މިހާރު ޓާޓާ ފްލެޓު ހުރިތަނުގައި ހުރި ސްކޫލެއްގެ އިތުރުން މަންދުކޮލެޖު ހިންގި ޢިމާރާތުގައިވެސް ހިންގާފައިވެއެވެ. އަދި އެއަށްފަހު ޗާންދަނީ މަގުގައި ހުރި އިމާރާތުގައިވެސް ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދީފައިވެއެވެ.

އެހެންނަމަވެސް އެ ޢިމާރާތަކީ ދަރިވަރުންނަށް ކިޔަވައިދިނުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ނިންމާ އެކުދިންގެ ކިޔެވުން އަނެއްކާވެސް ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީހުރި، ފޮރިންގ މިނިސްޓްރީގެ ވަގުތީ ޢިމާރާތެއްގެ ގޮތުގައި އޭރު ބޭނުންކުރި އެމްޓީސީސީގެ ޢިމާރާތުގައި ޢަރަބިއްޔާ ސްކޫލް ވަގުތީގޮތުން ހިންގިއެވެ. އަދި އެއަށްފަހު މިދިޔަ އަހަރުގެ ތެރޭގައި ވަނީ ޢަރަބިއްޔާގެ ދަރިވަރުން ކުރީގެ ދަރުމަވަންތަ ސްކޫލްގެ ވަގުތީ ޢިމާރާތަށް ބަދަލުކޮށްފައެވެ.

އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި މިދިޔަ ސަރުކާރުން ހަމަޖެއްސެވީ ބައު ޖަމާލުއްދީން ސްކޫލް ހުރި ބިމުން އެއްބައިގައި އެ ސްކޫލް އެޅުމަށެވެ. އެހެންނަމަވެސް އެ ސަރުކާރު ނިމުނީ އެތަނުގައި އެއްވެސް މަސައްކަތެއް ނުފެށިއެވެ.