ޚަބަރު

ކަރަންޓްގެ ޑިމާންޑް ބޮޑުވާ ދުވަސްވަރަށް ތައްޔާރުވުމަށް ސްޓެލްކޯއަށް 2 ޖަނަރޭޓަރު


  • ސްޓެލްކޯއަށް ގެނެސްފައިވަނީ 1.6 މެގަވޮޓްގެ ދެ ޖަނަރޭޓަރުސެޓް

  • މިހާރު ކުރިއަތް ދަނީ ޖަނަރޭޓަރުސެޓް ބެހެއްޓުމުގެ މަސައްކަތް

  • އިތުރު 2 ޖެނަރޭޓަރު ސެޓު ގެނައުމަށްވެސް ވަނީ ނިންމާފައި

ކަރަންޓް ބޭނުންކުރުން އިތުރުވާ ދުވަސްވަރަށް ތައްޔާރުވުމަށް ސްޓެލްކޯއިން 2 ޖަނަރޭޓަރު ގެނެސްފިއެވެ.

ކަރަންޓް ބޭނުންކުރާ މިންވަރު ރާއްޖޭގައި ފަހަކަށް އައިސް އިތުރުވާން ފެށީ ހޫނު ގަދަ ދުވަސްވަރެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ މާޗުމަހާއި އޭޕްރީލްމަހާއި އަދި މޭމަހުއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ބުނީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް ރާއްޖެ ގެނެސް، ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ސްޓެލްކޯއިން ބުނީ ޕީކް ސީޒަންގެ ކުރިން އިތުރު 2 ޖެނަރޭޓަރު ސެޓާއެކު ޖުމްލަ 6.4 މެގަވޮޓް ޕަވަރ ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވިގެން ދާނެކަމަށެވެ. އަދި ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރުކުރެވިގެންދާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައިކަމަށެވެ. އަދި ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެގެ ޒަޢާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަރ ޕްރޮޖެކްޓް، ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވި، އިންޤިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތަށް އަންނާނެކަމަށެވެ.

ސްޓެލްކޯއިން ބުނީ ހޫނު މޫސުމަކީ އާދަޔާއި ހިލާފަށް ކަރަންޓު ބޭނުން ކުރާ ދުވަސްވަރަކަށްވުމާއެކު ކުރިއާލާ ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ދިނުމަކީ އެކުންފުނީގެ އަމާޒެއްކަމަށެވެ.