ހިނގަމުން މިދާ ފަސް އަހަރަކީ ރާއްޖެއިން ކުރިން ނުފެނުނު އެތައް ނަތީޖާއެއް ފެނި ކުރިން ނުލިބުނު އެތައް ފައިދާއެއް ރާއްޖެއަށް ކުރާނެ އަދި ނަތީޖާ ހާސިލްކުރާނެ ފަސް އަހަރަށް ވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ކާމިޔާބީއާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ފައިދާތަކުގެ ވާހަކަތައް ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން ގޮތަކަށް އެ ސިޔާސަތު ބައްޓަން ކުރެއްވުމަށް މަސައްކަތްކުރައްވާކަމަށެވެ. އެގޮތުން ފަތުރުވެރިކަން އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށާއި، ހެލްތު، ސްޕޯޓްސް، އެޑިއުކޭޝަން އަދި ކަލްޗަރ ހިމެނޭޙެން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލުމަށް މަސައްކަތް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަން ކުރެއްވުމަށް ނިންމަވާފައިވަނީ ޒޯންތަކަށް ބަހާލައިގެންކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
އިޤްތިޞާދު ފުޅާކުރެއްވުމަށް ގެންގުޅުއްވާ ދެވަނަ ގޮތަކީ މެރިޓައިމް އިކޮނޮމީ ކުރިއެރުވުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަށްޓަކައި، ކުރެއްވި އެންމެ ފުރަތަމަ މަސައްކަތަކީ އިޤްތިޞާދީ ޚާއްޞަ ސަރަހައްދުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް އިންޑަސްޓރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނި އުފެއްދެވުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސް ޑރ. މުޢިއްޒު އުފެއްދެވި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީއަކީ އެކަމަށް ބޭނުންވާ ފުރަތަމަ ފިޔަވަޅު. އެއޮތީ އުފަން ކުރައްވާފައި. ކުންފުނިވެސް ހައްދަވާފައި، ދެން ކުންފުންޏަށް ވަސީލަތްތައް ދޭއިރު ބިން އެބަ ބޭނުންވޭ. އެހެންކަމުން މާލެ ސަރަހައްދުން ބިން ކަނޑައެޅުއްވީ." ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ މިދާއިރާއިން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަންކަރިންގެ ޚިދުމަތް ފެށްޓެވުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.
އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވާނެ ތިންވަނަ ކަމަކީ ފައިނޭންޝަލް އިކޮނޮމީ ނުވަތަ މާލީ އިޤްތިޞާދު ވަރުގަދަ ކުރުންކަމަށް ސަޢީދު ވިދާޅުވިއެވެ. އެ މަސައްކަތްވެސް މިހާރު ފަށްޓަވާފައިވާކަމަށާއި، އެގޮތުން މޯލްޑިވްސް އިންޓަރނެޝަނަލް ސާރވިސަސް އޮތޯރިޓީއެއް އުފެއްދެވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ޑިވެލޮޕްމަންޓު ބޭންކެއް ރާއްޖޭގައި ޤާއިމްކުރައްވާނެކަމަށާއި، އެއާއެކު ފެނިގެންދާނީ އީ އަމާޒަކާ ދިމާލަށް ކުރެވޭ މަސައްކަތްކަމަށް ސަޢީދު ވިދާޅުވިއެވެ.
"އުފައްދާ ސުވާލަކީ ރާއްޖޭގެ ޓޫރިޒަމް ނޫނީ ކޮންކަމެއްހޭ ކުރެވޭނީ މިސާލަކަށް. ބޮޑު ކަނޑެއްގެ ވެރި ކުޑަ ޤައުމެއް ރާއްޖެއަކީ. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ ފަހިވޭ މެރިޓައިމް ސިނާއަތު އިންތިހާއަށް ފުޅާކުރުމަށް. އެހެންވީމަ ޕޯޓު، ލޮޖިސްޓިކްސް، ބަންކަރިން އަދި ރީ އެކްސްޕޯޓުގެ ޚިދުމަތް ރާއްޖޭގައި ފެށެން އޮތީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ސަޢީދުގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރުގަދަކުރަމުން އެހެން ސިނާއަތްތައްވެސް ފަށްޓަންޖެހޭކަމަށެވެ. ރައީސްގެ ވިސްނުންފުޅު ހުރިގޮތާއި މަސައްކަތްކުރައްވާ ސްޕީޑާއި، ކަންކަން ހާސިލްކުރެއްވުމަށް ގެންގުޅުއްވާ އުކުޅުތަކަށް ބަލާއިރު މި ފަސް އަހަރަކީ ކުރިން ނުފެނުނު އެތައް ނަތީޖާއެއް ފެނި ކުރިން ނުލިބުނު އެތައް ފައިދާއެއް ރާއްޖެއަށް ކުރާނެ އަދި ނަތީޖާ ހާސިލްކުރާނެ ފަސް އަހަރަށްވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
"ކޮންމެސް ހިސާބެއްގަ ފެށީމަ ދެއްތޯ އޭގެ ނަތީޖާއެއް ޙާސިލްވަމުން ދާނީ. 2014ގަ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނު އައީ. ނަމަވެސް މިހާތަނަށް 10 އަހަރު ވެގެން ދިޔައިރު ޤާނޫނު އޮތީ ނިދާފަ ނޫންތޯ. އެހެންވީމަ ރައީސް ޑރ. މުޢިއްޒު ވަޑައިގެން އެ ޤާނޫނު ރިއެކްޓިވޭޓްކުރީ. ހަމައެކަނި އެކަން ކުރެއްވީކީއެއް ނޫން. އެކަމާ ގުޅޭ ބޮޑު ކުންފުންޏެއްވެސް ހެއްދެވީ. ފްރީ ޒޯން ކުންފުންޏެއް އެ ހެއްދެވީ. ދެން ވިދާޅުވީ، 100 ހެކްޓަރުގެ ބިން އެ ކުންފުންޏަށް އެކަށައަޅުއްވާނަމޭ އިނގޭތޯ. އެހެރަ ދަނީ ނަތީޖާއާ ދިމާލަށް. ދެން ފަށްޓާނީ އިމްޕޯޓް، ދެން ރީ އެކްސްޕޯޓް. އަދި އެއަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުން" އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، އިހަވަންދިއްޕޮޅުގެ މަޝްރޫޢަކީވެސް ފްރީ ޒޯން މަސައްކަތާ ގުޅިފައިވާ މަސައްކަތެއްކަމަށެވެ. އެކަމަށް އެސްޓީއޯއިން އުންމީދެއް ދޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކުންފުނިން އެސަރަހައްދުގައި ވަރަށް އަވަހަށް ބަންކަރިންގެ ޚިދުމަތް ފަށާނެކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން ރައީސް ދާދި ފަހުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން، އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢު ފަށްޓަވާނެކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން ރީ-އެކްސްޕޯޓުގެ ކަންކަން މިހާރަށްވުރެ ފުޅާކޮށް ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.