ޚަބަރު

އާދިއްތަ ދުވަހުން ފެށިގެން ޓީ-ބިލް ވިއްކަން ފަށަނީ


  • އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދު

  • 4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ވިއްކާނެ

ސަރުކާރުގެ ހަރަދުތައް ހަމަޖައްސުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަތަރު ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީބިލް) ވިއްކަން ފަށާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާލީ ވުޒާރާއިން އާދިއްތަ ދުވަހު ވިއްކަން ނިންމާފައިވަނީ 2.3 ބިލިއަން ރުފިޔާގެ ޓީބިލް %3.5 އިންޓަރެސްޓްގައި 28 ދުވަސް ތެރޭގައި އަނބުރާ ދައްކާ ބިލަކާއި، 263.4 މިލިއަން ރުފިޔާގެ %3.8 އިންޓަރެސްޓްގައި 98 ދުވަހުން ތެރޭގައި އަނބުރާ ދައްކަން ޖެހޭ ޓީބިލަކާއި 69 މިލިއަން ރުފިޔާގެ %4.23 އިންޓަރެސްޓްގައި 182 ދުވަސް ތެރޭގައި އަނބުރާ ދައްކަން ޖެހޭ ޓީބިލެއްގެ އިތުރުން 1.7 ބިިލިއަން ރުފިޔާގެ %4.6 އިންޓަރެސްޓްގައި 364 ދުވަސް ތެރޭގައި އަނބުރާ ދައްކާ ޓީ ބިލް ތަކެއެވެ.

ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.

ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި ޕަބްލިކް ކުންފުނިތަކާއި ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.