ޚަބަރު

ސަޢޫދީ ރަސްގެފާނު އަލްއަޒްހަރު ޔުނިވަރސިޓީއަށް ޒިޔާރަތްކުރެއްވުން


ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ވަޑައިގެން އުޅުއްވާ ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވާ، އަލްއަޒްހަރުގެ ޝައިޚް ފަޟީލަތުލް އިމާމުލް އަކްބަރު އައްޝައިޚް އަހްމަދު އައްތައްޔިބު އާ ބައްދަލުކުރައްވައިފިއެވެ. ހާހަކަށްވުރެ ގިނަ އަހަރުވީ މަޝްހޫރު އަލްއަޒްހަރު ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި އަޒްހަރުގެ ޝައިޚް އާ ބައްދަލުކުރެއްވުމަކީ ސަލްމާން ރަސްގެފާނުގެ މިޞްރުގެ ދަތުރުފުޅުގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އިސްކަން ދީފައިވާކަމެކެވެ.

ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މިޞްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ސަޢޫދީގެ ތާއީދު މިޞްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ސަރުކާރަށް އޮތްކަން ހާމަކުރުމުގެ ގޮތުންނާއި ސަޢޫދީ އިސްވެ އޮވެގެން އަރަބި އަދި އިސްލާމީ ދުނިޔޭގައި އަދާކުރަމުންގެންދާ ދައުރަށް މިޞްރުގެ ތާއީދާއި އެއްބާރުލުން ހޯދުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ސަލްމާން ރަސްގެފާނު ހޮނިހިރު ދުވަހު އަލްއަޒްހަރު ޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތުގައި އެ ޔުނިވަރސިޓީގެ ތާރީޚީ މިސްކިތުގައި އެތައް ސަތޭކަ ބަޔަކާއެކު ނަމާދު ކުރައްވާފައިވެއެވެ. އަދި ޝައިޚުލްއަޒްހަރު ފަޟީލަތުލްއިމާމުލްއަކްބަރު އައްޝައިޚް އަހްމަދު އައްތައްޔިބު އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސަޢޫދީގެ މާލީ އެހީ އަލްއަޒްހަރު ޔުނިވަރސިޓީއަށް ލިބިގެންދާނެކަން ސަލްމާން ރަސްގެފާނު ހާމަކުރައްވާފައިވެއެވެ. ސަލްމާން ރަސްގެފާނު ހޮނިހިރު ދުވަހު ވަނީ މިޞްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އާ ބައްދަލުކުރައްވައި ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ.

މި މަޝްވަރާތަކަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޞްރާއި ސަޢޫދީގެ ގުޅުންތަކަކީ ސްޓްރެޓީޖިކް ގުޅުންތަކެއް ކަމަށް ސަލްމާން ރަސްގެފާނު ސިފަކުރެއްވިއެވެ. އަދި މިގުޅުންތަކުގެ ބޭނުމަކީ އަރަބި ދުނިޔޭގެ އަމަނާއި ޤައުމީ ސަލާމަތް ހިމާޔަތްކޮށް ރައްކާތެރި ކުރުންކަމަށްވެސް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި މިޞްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވަނީ ސަޢޫދީ މިޞްރުގެ ސްޓްރެޓީޖިކް ގުޅުންތަކުގެ ސަބަބުން ބޭރުގެ ފަރާތްތައް އަރަބި ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ހުއްޓުވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ސަލްމާން ރަސްގެފާނު މިޞްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެޤައުމުގެ މަސްއޫލުވެރިންވަނީ ކަރަންޓާއި ހަކަތައާއި ބޯހިޔާވަހިކަމާއި ދަނޑުވެރިކަމާއި ސިނާއަތާއި ވިޔަފާރިއާ އަދި ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްޤީކުރުމުގެ ދާއިރާތަކުގައި 17 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މީގެތެރޭގައި ހިމެނޭ ހަކަތައިގެ އެއްބަސްވުމަކީ 5 އަހަރު ވަންދެން ހެޔޮއަގެއްގައި މިޞްރަށް ބޭނުންވާ ތެލާއި ތެލުގެ ބާވަތްތައް ސަޢޫދީން މިޞްރަށް ފޯރުކޮށްދިނުމުގެ 20 ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެކެވެ. މީގެ އިތުރުން ސަޢޫދީ ވިޔަފާރިވެރިން މިޞްރުގައި 4 ބިލިޔަން ޑޮލަރު އިންވެސްޓްކުރުމުގެ އެއްބަސްވުން ތަކެއްވެސް މީގައި ހިމެނެއެވެ. އަދި ސަޢޫދީ ރަސްގެފާނު ސަލްމާން ބިންއަބްދުލްއަޒީޒުވަނީ މިޞްރުގެ ސައިނާ ގައި އޭނާގެ ޚަރަދުގައި ޔުނިވަރސިޓީއެއް ޤާއިމް ކޮށްދެއްވާނެކަންވެސް އިޢްލާން ކުރައްވާފައެވެ. އަދި ސައިނާއަކީ މިޞްރުގެ ސަރަޙައްދުތަކުގެ ތެރެއިން ތަރައްޤީގެ ޙާލަތު ދަށް ސަރަޙައްދަކަށްވާތީ އެސަރަޙައްދުގެ ރައްޔިތުންނަށް ވަޒީފާގެ ފުރްސަތު އިތުރު ކުރުމަށްޓަކައި 1.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށްވެސް ސަލްމާން ރަސްގެފާނު ނިންމަވާފައިވެއެވެ.