ޚަބަރު

ވިލިމާލޭގެ ތަރައްގީ ކުރާނީ ވިލިމާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް: ޠާރިޤު


  • []

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތައް ވިލިމާލެ ތަރައްގީ ކުރާނީ އެ އަވަށުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިންކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ވިލިމާލޭގައި ސަރުކާރުން ކުރިއަތް ގެންދާ މަސައްކަތްތައް ހިނގަމުންއަންނަގޮތް ބައްލަވައިލެއްވުމަށްފަހު ޕީއެސްއެމްނިއުސްއާ ވާހަކަދައްކަވަމުންނެއެވެ.

ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ވިލިމާލެއަށް ކުރެއްވި މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެމަތިން ވިލިމާލޭގައި ކުރެވެމުންދާ މަސައްކަތްތައް ބައްލައިވައިލެއްވުމަށް ކުރެއްވި ދަތުރުފުޅެއްކަމަށެވެ.

ޠާރިޤް ވިދާޅުވީ ވިލިމާލެ ތަރައްގީކުރާނީ ވިލިމާލޭގެ ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންކަމަށެވެ.

" އެބޭފުޅުން އަޅުގަނޑުމެންނާ ދައްކަންޖެހޭ ބައެއްް ވާހަކަތަކާއި ނޫނީ ރައްޔިތުން ދައްކަން ޖެހޭ ބައެއް ވާހަކަތައް އަޑުއަހާލާއި އިތުރަށްވެސް އަޅުގަނޑުން ލޮލުން ބަލާލަން ބޭނުންވީ މިރަށުގައި ކުރެވޭނެ ކަންކަމާއި ކުރެވެމުންދާ ކަންކަން." ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވިލިމާލެގެ ފެނާއި ނަރުދަމާ ނިޒާމުގެ މިހާރުގެ ޙާލަތު ދެނެގަތުމަށްޓަކައި، އެސެސްމަންޓް ހެދުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ)އިން މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން މިއީ މުސްތަޤްބަލުގައި ވިލިމާލޭގެ އާބާދީ އިތުރުވާނެތީ އެކަމަށް ބޭނުންވާ އަސާސީ ޚިދުމަތް ވަރުގަދަކުރުމަށް އެޅިގެންދާ މުހިންމު މަސައްކަތެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ވިލިމާލެ ތަރައްޤީކުރާނެގޮތް ސިޓީ ކައުންސިލާ ގުޅިގެން ކުރާނެކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާގޮތައް ވިލިމާލެ ތަރައްގީ ކުރެވިއްޖެނަމަ އެކަމުން ރައްޔިތުނަށް ފައިދާ ކުރާނެކަމަށް މުއްޠަލިބް ފާހަގަކުރެއްވިއެވެ. މުއްޠަލިބް ވިދާޅުވީ ވިލިމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަގުތައް ޒަމަނީ ފެންވަރަށް ތަރައްގީކުރުމުގެ ކުރިން ކުރަން ޖެހޭ ސަރވޭތައް މިހާރު ކުރެވެމުން ދާކަމަށެވެ.

މުސްތަގްބަލުގައި ވިލިމާލެ ތަރައްގީވަމުންދާއިރު އެތަން ވެގެންދާނީ އަސާސީ ހުރިހާ ޚިދުމަތެއް ފުރިހަމަވެފައިވާތަނަކަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް މިކުރަނީ ހުރިހާ މިނިސްޓްރީތަކެއް ގުޅިގެން އިތުރަށް އަޕްގްރޭޑް ކުރަންޖެހޭ މަސައްކަތްތައް ކުރުން. މަގުތައް ހަދާނެ ގޮތުގެ ތަފްސީލުތައް ސިޓީ ކައުންސިލާ ގުޅިގެން އަދި ރަށު ރައްޔިތުންނާވެސް ވާހަހަކަ ދައްކައިގެން" ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

މީގެ އޮތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އެ މަނިކުފާނު ގަބޫލް ކުރައްވާ ގޮތުގައި ތަނެއް ތަރައްގީކުރަންވާނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވެސް ބޭނުންފުޅުވާ ގޮތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ވިލިމާލޭގޭ ބަގީގެ ޚިދުމަތް އިތުރައް ހަރުދަނާކޮށް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ. މީގެ އިތުރުން ވިލިމާލޭގައި ކުރާ ފައިބާރ ގްލާސްގެ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ހަމަޖެހިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ހަމަ އެއާއެކުގައި ވިލިމާލޭގެ ފަޅުތެރޭގައި ތެޔޮ އަޅާފައި އުޅަދުތައް ހުރުމަކީވެސް ވިލިމާލޭގެ ރައްޔިތުން ކަންބޮޑުވާކަމެއް. އެހެންވީމައި އަޅުގަނޑުމެން ވާނެ ތިލަފުށިން އެ އުޅަނދުތައް ބަހައްޓާނެ ސަރަހައްދެއް ކަނޑައަޅާފައި. އާންމުކޮށް އެފްއެސްއެމްގެ އުޅަނދުތައް ވަނީ ބަދަލުކޮށްފައި. އަދި އެފްއެސްއެމްގެ އުޅަނދުތައް އަޅާ ސަރަހައްދުގައި އާންމު އުޅަނދުތަކަށްވެސް އެޅޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖެހިފައި" އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ވިލިމާލޭގެ ކުނި މެނޭޖުކުރާ ސަރަޙައްދާއި އޮޑި ދޯނި ފަހަރު އަޅާ ސަރަހައްދުގެ އިތުރުން ފައިބަރުގެ މަސައްކަތްކުރާ ސަރަހައްދު ވަޒީރުން ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން ވިލިމާލެއަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމަށް ވިލިމާލޭގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދުމަށް ރައްޔިތުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.