ޚަބަރު

އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުން ދުރާލާ ރިކޯޑްތައް ސާފުކުރުމަށް އިލްތިމާސްކޮށްފި


  • ރިކޯޑްތައް ސާފުކުރުމަށް ސިޔާސީ ޕާޓީތަކުން ދުރާލާ ވިސްނަން ޖެހޭ

  • ދަރަނީގެ ރިކޯޑް ސާފުކުރުމަށް މީރާއާއެކު މަޝްވަރާ ބައްދަލުމެއްވަނީ ބާއްވާފައި

  • ދަރަނީގެ މައްސަލަ އުޅޭނަމަ ކެންޑިޑެންސީ ބާތިލްވާނެ

އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުން ދުރާލާ ރިކޯޑްތައް ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.

އެކޮމިޝަނުން މިކަމަށް އިލްތިމާސް ކުރެއްވީ އިންތިޚާބުތަކާއި ގުޅޭ މަސައްކަތްތައް ކުރުމަށް ޤައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައި، ކަމާއި ގުޅުން ހުރި ފަރާތްތަކާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ.

ޤައުމީ ލަފާދޭ ކޮމިޓީގައި ވާހަކަ ދައްކަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުންގެ ރެކޯޑް ސާފުކުރަނީ ހަމަ އެކަނި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނޫންކަމަށާއި، ރާއްޖޭގެ ހުރިހާ ކޯޓަކުން މިހާރު ރިކޯޑް ސާފްކުރަންޖެހޭއިރު އެކަމަށް ފުދޭވަރަކަށް ވަގުތު ބޭނުންވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އިންތިޚާބުތަކަށް ގިނަ މީހުން ކުރިމަތިލާއިރު ސިޔާސީ ޕާޓީތަކުން އެޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންގެ ރިކޯޑް ސާފުކުރުމަށް ދުރާލާ ވިސްނާ ރިކޯޑް ސާފުކުރުމަކީ އިލެކްޝަންސް ކޮމިޝަނަށްވެސް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ.

" ވީމާ ދުރާލާ އެކަން ކެންޑިޑޭޓުންނަށް އަންގާލަދޭށޭ. މިކޮމިޓީއަކީ ސިޔާސީ ޕާޓީތައް ނިސްބަތްވާ ކޮމިޓީއަކަށް ވާތީ އަޅުގަނޑުމެން ހިއްސާކުރަން ދުރާލާ އެކަން ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުންވެސް އިސްވެ އެކަން ކުރުމަށް " ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ރިކޯޑްތައް ސާފު ކުރުމުގައި އެންމެ ބޮޑު މައްސަލަ ޖެހެނީ ދަރަނީގެ ރިކޯޑް ސާފުކުރުމުގައިކަމަށެވެ. އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުގެ ކެންޑިޑަސީ ފޯމް ބަލައިގަންނައިރު ދަރަންޏެއް އޮތްނަމަ ހުކުމާއި އެއްގޮތަށް އެދަރަނި ދައްކަމުން ދޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރަން ޖެހޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެ ކުރިން އިންތިޚާބުތަކުގައި ވާދަ ކުރަން ފޯމް ހުށައެޅި ބައެއް ފަރާތްތަކުގެ ދަރަނީގެ މައްސަލަތަކާ ގުޅިގެން ކެންޑިޑަސީ ފޯމް ބާތިލްކޮށްފައިވެސްވާނެ ކަމަށާއި، އެހެންކަމުން ސިޔާސީ ޕާޓީތަކުން މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެއްކަން ހަބީބު ފާހަގަކުރެއްވިއެވެ.

" ދެން އަޅުގަނޑުމެން ކޮމިޝަނުން އެބަ މަޝްވަރާކުރަން ކިހާ ހިސާބަކުން ފެށިގެން ތޯ ރިކޯޑް ކިހާ ހިސާބަކުން ސާފުވެފައި އޮތީމަތޯ މިއިންތިޚާބަށް އެރިކޯޑަކީ ސައްހަ ރެކޯޑެއްކަން ބަލައިގަންނަނީ. ކޮމިޝަނުން ވަކި ގޮތެއް އަދި ނުނިންމާ، ނިންމުމަށް ފަހު ކޮމިޝަނުން ޕާޓީތަކަށް އަންގާނަން" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ދަރަނީގެ ރިކޯޑް ސާފުކުރުމުގެ ކަންކަމާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއާއެކު މަޝްވަރާ ބައްދަލުމެއް ބާއްވާފައިވާކަމަށެވެ. އަދި އިންތިޚާބުތަކުގައި ވާދަ ކުރާ ފަރާތްތަކުން ގަވާއިދުން ޓެކްސް ދައްކަމުންދޭތޯ ކަށަވަރު ކުރުމަށް މިރާއާއެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.