ޚަބަރު

ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މުޅި ރާއްޖޭގައި ސުކޫތެއް


  • މިސުކޫތުގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުންވެސް ބައިވެރިވި

  • އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތައް ފެށުނީ ބޮޑު ޖަމާއަތުގައި ކުރެވުނު ފަތިސް ނަމާދުން

އެއްބައިވަންތަކަމުގެ ދުވަސް، ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުންވި މީހުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.

ސުނާމީގެ ރާޅު އެންމެ ފުރަތަމަ އެރިކަމަށް ރެކޯޑުކުރެވުނު ގަޑި ހެނދުނު 09:23 ގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވަނީ މިސުކޫތު ގެނެސްފައެވެ. މިސުކޫތު ބޭއްވީ ކަނޑައަޅާފައިވާ ސޭފު ޒޯން ސަރަޙައްދުގައެވެ. މާލޭގެ އޮފީސްތަކާއި ކުންފުނިތަކުންވެސްވަނީ މިސުކޫތުގައި ބައިވެރިވެފައެވެ. އޮފީސްތަކާއި ކުންފުނިތަކުން ސުކޫތު ގެނައީ އެއިދާރާއެއްގެ ގޯތި ތެރޭގައެވެ.

ސުނަމީ ކާރިޘާގައި ދިވެހިންގެ ތެރެއިން 82 މީހަކު ނިޔާވެ، 26 މީހަކު ވަނީ ގެއްލިފައެވެ

އެއްބައިވަންތަކަމުގެ ދުވަސް، ފާހަގަކުރުމުގެ ހަރަކާތްތައް ރާއްޖޭގައި ފަށާފައިވަނީ މިއަދު ފަތިހު މުޅި ރާއްޖޭގައި ބޮޑު ޖަމާއަތުގައި ކުރެވުނު ފަތިސް ނަމާދުންނެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަތް ގެންދާއިރު މުޅި ރާއްޖެ ތަމްސީލު ވާނެ ފަދަ ޙަރަކާތެއް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިއަދު ކުރިއަތް ދާނެއެވެ. އެގޮތުން އެމްޓީސީސީގެ ފެރީ ނުވަތަ ލޯންޗް އޮންނަ ރަށްތަކުން އެއްރަށުން އަނެއްރަށައް ކޭން، ހަދިޔާ ނުވަތަ ތަށިބަރި ބަދަލުރުމުގެ ހަރަކާތެއް މިއަދު ކުރިއަށްދާނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.