ކުޅުދުއްފުށި ސިޓީއިން ފައިލޭރިޔާއަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ފައިނޭންސް އެގްޒެކެޓިވް މުޙައްމަދު މޫސާ ވިދާޅުވީ، ފައިލޭރިއާ ބައްޔަށް ސްކްރީން ކުރި މީހުންގެ ތެރެއިން އިތުރު ދެ މީހުން ޕޮޒިޓިވް ވެފައިވާކަމަށެވެ. މިއާއެކު އެ ސިޓީއިން މިހާތަނަށް ބަލި ފެނުނު މީހުންގެ އަދަދު 19 އަށް ވަނީ އިތުރުވެފައެވެ.
މުޙައްމަދު މޫސާ ވިދާޅުވީ، ފައިލޭރިއާއަށް ފަހުން ޕޮޒިޓިވް 2 މީހުންނަކީވެސް މީގެ ކުރިން އެ ބަލި ފެނުނު 17 މީހުންނާ އެކީ އުޅެފައިވާ ދެ ބިދޭސީންކަމަށެވެ. ކުޅުދުއްފުށިން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މި ބައްޔަށް ސްކްރީން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުޙައްމަދު މޫސާ ވިދާޅުވީ ޕޮޒިޓިވްވި ހުރިހާ އެންމެންނަށް ޑައިރެކްޓު އޮބްޒަވޭޝަންގައި ބައިތިއްބައިގެން ފަރުވާ ދިނުން ޤަވާއިދުން ކުރިއަށް ގެންދާކަމަށެވެ.
"މީގެ ކުރިން ޕޮޒިޓިވްވި 17 މީހުންނާއެކު މިހާރު ޖުމްލަ 19 މީހުން ޕޮޒިޓިވް ވެފައި މިވަނީ. ފަރުވާ ކުުރުމުގެ ކަންކަން ހަމަ ލަސްނުކޮށް މިދަނީ ކުރިއަތް ގެންދަމުން" މުޙައްމަދު މޫސާ ވިދާޅުވިއެވެ.
މިމަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގ ކެމްޕެއިނުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ޕޮޒިޓިވެފައިވާ ބަޔަކު ފެނުމާއެކު އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް، އެޗް.ޕީ.އޭގެ ލަފާގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރިއަތް ވަނީ ގެންގޮސްފައެވެ.
ފައިލޭރިއާއަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، ގިނައިން މި އައިބުކަން ފެންނަނީ ފައިން ކަން ފާހަގަކޮށްލަންޖެހެއެވެ.
1951 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ފަންނީ އެހީގައި ކުރިއަށްގެންދިޔަ ސަރވޭގައި، ރާއްޖޭގެ 34 ރަށަކުން ފައިލޭރިއާ ފެނިފައިވެއެވެ. ރާއްޖޭގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ޤައުމީ ފެންވަރުގައި 1968 ވަނަ އަހަރު ފެށްޓެވި މަސައްކަތުން ރާއްޖެއިން ފައިލޭރިއާ ނައްތާލެވުނީ 2007 ވަނަ އަހަރުގައެވެ.