ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ޤާއިމުކުރުމަށް މަސައްކަތްކުރާ ފްރީ ޓްރޭޑް އެގްރިމެންޓާ ބެހޭގޮތުން ވިޔަފާރިވެރިންނާ ޚިޔާލު ބަދަލުކުރެއްވުމުގެ ފޯރަމެއް އިކޮނޮމިކް މިނިސްޓްރީން ފައްޓަވައިފިއެވެ.
މި ފޯރަމަށް ރާއްޖެއިން އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިކުރާ ދުއިސައްތަ ފަންސާސް ފަރާތަކަށް ދަޢުވަތުދީފައިވާކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ. މި ފޯރަމް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރެވޭ އެކި ވިޔަފާރީގެ މުޢާމަލާތްތަކުގައި ދިމާވާ ދަތިތައް ދެނެގަތުމަށް މި ފޯރަމްގައި މަސައްކަތްކުރައްވާނެކަމަށެވެ.
ފްރީ ޓްރޭޑް އެގްރީމަންޓް އެކުލަވާލެއްވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރެއްވުމަށް މިދިޔަމަހު އިކޮނޮމިކް މިނިސްޓަރ ވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާވެސް މަޝްވަރާކުރައްވާފައެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު އެކުލަވާލެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާގުޅޭ މަޝްވަރާތައް ދެޤައުމުގެ ދެމެދުގައި ކުރިއަށްދާއިރު މިހާތަނަށް މިފަދަ ބައްދަލުވުންތައް ދެ ފަހަރަކު ބާއްވާފައިވެއެވެ. އަދި ތިންވަނަ ބައްދަލުވުމެއް އަންނަ މޭމަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސަވައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ނިންމަވާ، އެކަމަށް ޖޮއިންޓް ޓްރޭޑް ކޮމިޓީއެއް އެކުލަވާލައްވާފައިވަނީ 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.
މި އެއްބަސްވުމުގެތެރެއިން ރާއްޖޭގެ ވިޔަފާރިތަކުން ޗައިނާ މާރކެޓަށް އެކްސްޕޯޓްކުރާ އެކިބާވަތްތައް، އެކްސްޕޯރޓް ކުރުމުގައި ލުއި ގޮތްތަކެއް ލިބިގެންދާނެ ކަމަށާއި، ޚާއްޞަކޮށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް އެކްސްޕޯރޓްކޮށް މާރކެޓް ހޯދުމުގައި ފަސޭހަތަކެއް ވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.