ޚަބަރު

މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުންކަމަށް ނިންމާ އުސޫލު އާންމުކޮށްފި


  • މެޑިކަލް ޗެކަޕާއި ދަރިމައިވުމާއި ހޮސްޕިޓަލު ބަދަލުކުރުމަށް އާސަންދަ ލިބޭނެ

  • މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރުގެ ޚިދުމަތްދޭ މަރުކަޒަކުން

  • އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ

އާސަންދަ ސްކީމްގެ ދަށުން، މެޑިކަލް ޗެކަޕް ހެދޭނީ އަހަރަކު ދެފަހަރުކަމަާއި، މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރުގެ ހޮސްޕިޓަލުތަކާއި ސިއްޙީމަރުކަޒުންތަކުންކަމަށް ކަނޑައަޅައި އުސޫލު ޢާންމުކޮށްފިއެވެ.

މެޑިކަލް ޗެކަޕް ހެދުމާއި، ދަރިމައިވުމުގެ ފަރުވާއާއި، ރާއްޖެއިން ބޭރުގައި ފަރުވާ ހޯދާ ހޮސްޕިޓަލު އާސަންދައިގެ ތެރެއިން ބަދަލުކުރެވޭގޮތަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ. މިއާއެކު އާސަންދަ ޤަވާއިދަށާއި، އުސޫލަށް މިހާރުވަނީ ބަދަލު ގެނެސްފައެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ޢާންމުކުރި ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން އިތުރު ޚިދުމަތްތައް ފޮރުކޮށްދިނުމާ ގުޅޭ އުސޫލުގައި ބުނެފައިވަނީ، ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕްގެ ޚިދުމަތް ފޯރުކޮށްދެންވާނެކަމަށެވެ. މި އުސޫލުގެ ދަށުން މެޑިކަލް ޗެކަޕްގެ ޚިދުމަތް ފޯރުކޮށްދެވޭނީ ވަކިވަކި ޢުމުރުފުރާތަކަށް ޚާއްޞަކޮށް އާސަންދަ ކުންފުނިންކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖުތައް، އެ ޢުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއްފަހަރު ބޭނުންކުރެވޭނެކަމަށެވެ. އަދި ޑޮކްޓަރެއްގެ ލަފާގެދަށުން މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތްތަކަށް އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށްވެސް މެޑިކަލް ޗެކަޕް ހެދިދާނެކަމަށް އުސޫލުގައިވެއެވެ. އަދި މެޑިކަލް ޗެކަޕް ފުރިހަމަކަމަށް ބެލެވޭނީ ޕެކޭޖުގައި ހިމެނޭ ހުރިހާ ޚިދުމަތްތައް ލިބިގަތުމުންކަމަށްވެސް އައު އުސޫލުގައިވެއެވެ. މެޑިކަލް ޗެކަޕްގެ ގޮތުގައި ފޯރުކޮށްދޭ ޚިދުމަތުގެ ނަތީޖާ އާސަންދަ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ޚިދުމަތްދޭ މަރުކަޒުތަކުން އެ ކުންފުންޏާ ހިއްސާކުރަންވާނެކަމަށްވެސް އުސޫލުގައިވެއެވެ. މި އުސޫލުގެ ދަށުން މެޑިކަލް ޗެކަޕް ޚިދުމަތް ފޯރުކޮށްދެވޭނީ ސަރުކާރުގެ ހޮސްޕިޓަލުތައް އަދި ސިއްޙީ މަރުކަޒުތައް މެދުވެރިކޮށްކަމަށް ބުނެފައިވެއެވެ.

މި އުސޫލުގައި ބުނެފައިވާގޮތުން އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމަށް ހިނގާ ޚަރަދު، ސްކީމް މެދުވެރިކޮށް ހަމަޖައްސައިދެވޭނީ އެކަމަށް އެދި ހުށައެޅުމަށްފަހު، އެކަމަށް ހުއްދަ ލިބިގެންވާ ފަރާތްތަކަށްކަމަށެވެ. އެގޮތުން ހޮސްޕިޓަލު ބަދަލުކުރުމަށް އެދޭ ޙާލަތުގައި އަގަށް އަންނަ ބަދަލު %10އަށް ވުރެ ކުޑަނަމަ، އިތުރު ޚަރަދަކާ ނުލައި އެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށެވެ. ނަމަވެސް %10އަށްވުރެ ބޮޑުނަމަ އިތުރުވާ ޚަރަދު ހަމަޖައްސާނީ ޚިދުމަތް ލިބިގަންނަ ފަރާތުންކަމަށް އުސޫލުގައިވެއެވެ. އެޙާލަތުގައި ޚިދުމަތް ލިބިގަންނަ ފަރާތުން ކުރަންޖެހޭ ޚަރަދުގެ އަންދާޒާ ތަފްސީލު އާސަންދަ ކުންފުނިން ޚިދުމަތް ލިބިގަންނަ ފަރާތާއި ލިޔުމުން ހިއްސާކޮށް އެކަމަށް އެފަރާތުގެ ރުހުން ހޯދަންވާނެކަމަށްވެސް އުސޫލުގައި ބަޔާންކުރެއެވެ.

ފަރުވާ ފެށުމަށްފަހު ހޮސްޕިޓަލް ބަދަލުކުރާނަމަ، އަދި ކުރީގެ ހޮސްޕިޓަލުން ހަދާފައިވާ ތަހުލީލިތައް އަލުން ދެވަނަ ފަހަރަށް ހަދާނަމަ އެ ޚަރަދުތައް ހަމަޖައްސާނީ ޚިދުމަތް ލިބިގަންނަ ފަރާތުންކަމަށާއި، ފަރުވާ ފެށުމަށްފަހު ބަދަލުކުރަން އެދޭ ހޮސްޕިޓަލަކީ އެއްސިޓީއެއްގައި ހުރި ހޮސްޕިޓަލެއްކަމުގައިވާނަމަ، ބަދަލުވުމަށް ކުރާ ދަތުރުގެ ޚަރަދު ސްކީމް މެދުވެރިކޮށް ހަމަޖައްސައިދެވޭނެކަމަށް އުސޫލުގައި ބުނެފައިވެއެވެ. ނަމަވެސް އެހެން ސިޓީއެއްގައި ހުރި ހޮސްޕިޓަކެއްކަމުގައިވާނަމަ ބަދަލުވުމަށް ކުރާ ދަތުރުގެ ޚަރަދު ހަމަޖައްސާނީ ޚިދުމަތް ލިބިގަންނަ ފަރާތުންކަމަށް ބުނެފައިވެއެވެ.

އަދި މި އުސޫލުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ސްކީމުން ކަނޑައަޅާ ހޮސްޕިޓަލް ބަދަލުކުރުމަށް އެދެންވަނީ އާސަންދަ ސްކީމްގެ ޚިދުމަތްދޭ ހޮސްޕިޓަލުތަކުގެ ގޮތުގައި ހިމަނާފައިވާ ބޭރުގެ ހޮސްޕިޓަލަކަށްކަމަށް ބަޔާންކުރެއެވެ. މިގޮތުން އާސަންދަ ސްކީމްގެ ޚިދމަތްދޭ ހޮސްޕިޓަލުގެ ގޮތުގައި ހިމަނާފައިވާ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތައް ގްރޭޑް ކުރެވިފައިވާ ގޮތުގެ ތަފްސީލް އެޖެންސީން އަންގާ ގޮތުގެމަތިން ކުންފުނިން ޢާންމުކުރަމުކުރާނެކަމަށް އެންސްޕާއިން ޢާންމުކުރި އުސޫލުގައިވެއެވެ.

މި އުސޫލުގައި ވަނީ، އަންހެނުންނަށް ދިމާވާ "އެންޑޮމެޓްރިއޯސިސް" އަދި ޕީސީއޯއެސް" ފަދަ ސިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އަދި ބޭސްތައް ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމުން ލިބޭނެކަމަށްވެސް ބަޔާންކޮށްފައެވެ. "އެންޑޮމެޓްރިއޯސިސް" އަދި ޕީސީއޯއެސް"ގެ ޚިދުމަތްވެސް ހިލޭނީ އާސަންދަ ސްކީމްގެ ދަށުން ރަޖިސްޓްރީވެފައިވާ މަރުކަޒުތަކުންކަމަށްވެސް ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން އިތުރު ޚިދުމަތްތައް ފޮރުކޮށްދިނުމާ ގުޅޭ އުސޫލުގައި ބުނެފައިވެއެވެ.