އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސާރވޭ އެއްބަސްވުން ނިންމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ14ގައި ހިމެނޭ ކަންކަމުގެ ތެރެއިން 4 ހަފްތާގެ ތެރޭގައި ފުރިހަމަވެފައިވާ ކަންކަން މީޑިއާއާއި ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، ހަފްތާ 14ގައި އެންމެ އިސްކަން ދެއްވާފައިވާ އެއްކަމަކީ ކުރީ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުންކަމަށެވެ. ސަރުކާރުން މީގެ ކުރިން ހާމަކުރައްވާފައިވާގޮތުގައި ސިޔާސީ ގުޅުންތަކާއި ގުޅޭ 100 އަށްވުރެ ގިނަ އެއްބަސްވުން މިިދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ޤާއިމުކޮށްފައިވާކަމަށެވެ. އޭގެތެރެއިން އެއް އެއްބަސްވުމަކީ ރާއްޖޭގެ ކަނޑުތަކުގެ ސާރވޭކުރުމަށް ވެފައިވާ ހައިޑްރޮގްރަފީ ސަރވޭ އެއްބަސްވުމެވެ.
ފިރުޒުލް ވިދާޅުވީ އޭގެތެރެއިން ހައިޑްރޯގްރަފީ ސަރވޭގެ އެއްބަސްވުން ބަޔާންކުރާގޮތުން އެ އެއްބަވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުކަމަށެވެ. އެއްބަސްވުން ބަޔާންކުރާގޮތުގައި އެ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން 6 މަސް ދުވަހުގެ ކުރިން އެޤައުމަށް އަންގަން ޖެހޭކަމަށާއި، އެހެން ނޫންނަމަ އިތުރު ފަސް އަހަރަށް އެ އެއްބަސްވުން އައުވެގެންދާކަމަށެވެ. އެ އެއްބަސްވުން އައު ނުކުރުމަށް މިސަރުކާރުން ނިންމަވައި އެކަން މިހާރު އިންޑިއާއަށް އަންގަވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މި އެއްބަސްވުމުގައިވާގޮތުން މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 6 މަސް ދުވަހުގެ ކުރިން އެއްބަސްވުން ކުރިއަށްގެންދަން ބޭނުން ނުވާކަމަށްވާނަމަ މި އެއްބަސްވުމުގައި ހިމެނޭ އަނެއްފަރާތަށް އަންގަންޖެހޭ. އެހެންނޫނަކަމށްވާނަމަ އޮޓޯއިން އެ އެއްބަސްވުން އިތުރު ފަސްއަހަރަށް އިތުރުވެގެންދާގޮތަށް އެއްބަސްވުމުގެ މާއްދާތައް ހިމެނިފައިވަނީ. އެހެންވީމަ 7 ޖޫން 2024ގެ ކުރިއަށް 6މަސް ދުވަސް ފާހަގަވެގެންދާގޮތަށް މިހާރުވަނީ އެ އެއްބަސްވުންކުރިއަށްގެންދަން ބޭނުންނުވާކަން އެއްބަސްވުމުގަ ހިމެނޭ އިންޑިއާއާ އެކަން ހިއްސާކުރެވިފަ."
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހުކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ކަނޑުފަޅުގެ މަޢުލުމާތުތަކަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންގެ ސިއްރެއްކަމަށް ދެކި އެގޮތަށް ޢަމަލުކުރަމުން އައިބައެއްކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އެންމެ ފަހިގޮތަކީ އެ ޤާބިލްކަން ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ތެރޭގައި ޤާއިމްކޮށް ދިވެހި އަސްކަރިއްޔާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުންކަމަށެވެ. އަދި އިތުރު ބައެއްގެ ބައިވެރިވުން ނުބޭއްވުންކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި އަސްކަރިއްޔާގައި އެ ޤާބިލްކަން އިތުރުކުރުމަށް ބެޖެޓުގެ ތެރެއިން ޚާއްޞަ މިންވަރެއް ކަނޑައަޅުއްވާ ފިނޭންސް މިނިސްޓްރީން ބަޖެޓު ހަމަޖައްސައިދެއްވާފައިކަމަށެވެ. އެ ޤާބިލްކަން ޤާއިމްކުރުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާގައި ފެށިގެން ކުރިއަށްދާކަމަށާއި، ކުރިއަށް އޮތްތަނުގައި ހައިޑްރޮގްރަފީ ދާއިރާއިން ކަންކަން ކުރެވޭނީ ސައްތައިންސައްތަ ދިވެިންގެ ބެލުމުގެ ދަށުން، ދިވެހިންނަށް އެ މައުލޫމާތު އެނގޭގޮތަށްކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމަކީ ރާއްޖޭގެ ސިޔާދަތަށް އެންމެ އިސްކަންދޭ އެއްބަސްވުމެއް ނޫންކަން ފިރުޒުލް ތަކުރާރުކުރެއްވިއެވެ. ފިރުޒުލް ވަނީ މި އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ސަބަބުން، އޭގެ އެއްވެސް ބަދަލެއް އިންޑިއާއަށް ދޭން ނުޖެހޭކަމަށެވެ.
ރާއްޖެގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި މިހާތަނަށް ބޮޑު ސަރަޙައްދެއް ބަލައި ނިމިފައިވާކަމަށް ކުރީ ސަރުކާރުން ހާމަކުރައްވާފައިވެއެވެ.