އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ އިދާރާއިންވަނީ ކ.އަތޮޅުން ފެށިގެން ތ.އަތޮޅު ހިމެނޭ ސަރަހައްދަށް މެންދުރު އެކެއް ޖެހުމާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. އެއިދާރާއިން ހާމަކުރި ގޮތުގައި މިސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަަމަށާއި، އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައިވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ. ދެކުނު އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު ދެކުނުން ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލުގެ ބާރުމިނުގައިކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެއިދާރާއިން ހާމަކުރެއެވެ.
އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 6 ފޫޓާއި ދެމެދުގައިކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސްވަނީ ލަފާކޮށްފައެވެ.