ޚަބަރު

ފިޔާ އަގުބޮޑުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް، ދަތިކަމެއް ނެތި ފިޔާ ލިބޭނެ


  • އިންޑިއާއިން ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިކަމެއް ނެތް

  • ދަތިކަމެއްނެތި ފިޔާ ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް

  • އާންމުންނަށް ދަތިވާނެގޮތަށް ފިޔާގެ އަގު ބޮޑުނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފައިވޭ

ރާއްޖެއަށް ދަތިކަމެއް ނެތި ފިޔާ ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށާއި އެހެންކަމުން އަގުބޮޑުކޮށް ފިޔާ ނުވިއްކުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.

އެ ވުޒާރާއިން މިހެން ވިދާޅުވީ، ރާއްޖޭގެ ބާޒާރުގައި ބައެއް ފަރާތްތަކުން ފިޔާގެ އަގު ބޮޑުކުރަމުންދާތީ އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ، މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން، ބައެއް ޤައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީގޮތުން މަޑުޖައްސާލާފައިވީނަމަވެސް ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެ ޤައުމުން އަޅާފައިނުވާކަމަށެވެ. އަދި ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ބައެއް ފަރާތްތަކާއި އެ ވުޒާރާއިން ކުރި މަޝްވަރާތަކުގައި އެފަރާތްތަކުން ރާއްޖެއަށް ދަތިކަމެއްނެތި ފިޔާ އިމްޕޯޓްކުރެވޭނެކަމުގެ ޔަޤީންކަން ދީފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން އެ ވުޒާރާއިން ތަފާތު 23 ވިޔަފާރިއަކުން އަގުބަލައި ކުރި ދިރާސާއިން ދައްކާގޮތުން މިދިޔަ ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހާއި އަޅާބަލާއިރު މިމަހުގެ 10 ވަނަ ދުވަހު ބާޒާރުގައި ފިޔާގެ އަގު %20 އާއި %50 އާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާކަން ފާހަގަވެފައިވާކަމަށް ވުޒާރާއިން ބުނެއެވެ.

ވުޒާރާއިން ވިދާޅުވީ ފިޔާ އަދި އެހެނިހެން ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށާއި އަދި ޒަރޫރީ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި މިކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ދެއްވާކަމަށެވެ.

އެހެންކަމުން އާންމުންނަށް ދަތިވާނެފަދަ ގޮތަކަށް ބާޒާރުގައި ފިޔާގެ އަގު ބޮޑު ނުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.