ޚަބަރު

މިފްކޯ ހިމެނޭހެން މަސް ކުންފުނިތަކާމެދު އޮތް މަސްވެރިންގެ ހިތްހަމަނުޖެހުން ރައީސްއަށް


  • މަސް އެކްސްޕޯޓްކުރާ ކުންފުނިތަކަށް ދީފައިވާ ރަށްރަށް އޮޕަރޭޓްނުކުރާ މައްސަލަ ބޮޑު

  • ގިނަ އަދަދެއްގެ މަސް ރިޖެކްޓްވާ މައްސަލަވެސް މަސްވެރިން ފާހަގަކުރި

  • މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާ

މިފްކޯ ހިމެނޭހެން މަސްގަންނަ ކުންފުނިތަކާމެދު އޮތް މަސްވެރިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއާ ޙިއްސާ ކުރައްވައިފިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރެއްވީ މަސްވެރިކަމުގެ ދާއިރާގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި "މަސްވެރިންގެ ގުންޒަރު"ގެ ތެރެއިންނެވެ.

"މަސްވެރިންގެ ގުންޒަރު" ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މި ގުންޒަރުގައި މަސްވެރިކަމާބެހޭ ވަޒީރު އަޙުމަދު ޝިޔާމާއި ސަރުކާރު މަސް ކުންފުނި މިފްކޯގެ ސީއީއޯ އަޙުމަދު ސަމާޙްވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ޙިއްސާކުރުމަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ވާހަކަދެއްކި މަސްވެރިން ވަނީ މިއަދުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެެެރުވުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކަށް ތައުރީފްކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިކަމުގެ ސިނާއަތަށާއި، އެސިނާއަތް ކުރިއެރުވުމަށް ކުރައްވާނެ މަސައްކަތްތަކުގެ ސަބަބުން މަސްވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށް މަސްވެރިން ފާހަގަކުރިއެވެ.

މި ފޯރަމްގައި މަސްވެރިން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުގެ މަސް ކުންފުނި މިފްކޯއާ މެދު އޮތް ކަންބޮޑުވުންތަކެވެ. މިގޮތުން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި މިފްކޯއިން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ މަހުގެ ތެރެއިން ގިނަ އަދަދެއްގެ މަސް ރިޖެކްޓްވާ މައްސަލައަކީ މަސްވެރިން އެންމެ ބޮޑަށް ފާހަގަކުރި މައްސަލައެވެ. އަދި މިފްކޯއަށް ގެއްލުންވާނަމަ ގެއްލުން ވަނީ ކީއްވެގެންކަން ސާފުކޮށްދިނުމަށް މަސްވެރިން ވަނީ ރައީސްގެ އަރިހުން އެދިފައެވެ.

މި ފޯރަމްގައި މަސްވެރިން ވަނީ މަސްވެރިކަމުގެ ސިނާއީ އެކިއެކި ބޭނުމަށް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައި ހުރި ރަށްރަށުގައި އެތައް އަހަރެއްވެގެންދާއިރުވެސް މަސައްކަތް ނުފެށި ހުރުމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

"މަސް ރިޖެކްޓް ވާން ދިމާވާ ސަބަބެއް ބަލަން ބޭނުން، މިކަން ދިމާވާ ސަބަބެއް ބަލަން ބޭނުން އެއީ މިފްކޯއަށާއި ސަރުކާރަށް ގެއްލުންވާކަށް މަސްވެރިން ބޭނުމެއް ނުވޭ، އެތައްހާސް ޓަނެއް ބޭރުކުރާއިރު ރިޖެކްޓް ވާ މަސްތަކަށް ހަދާ ގޮތެއްވެސް ބަލަން ބޭނުން އޭގެ ފައިދާ އެހެން ބަޔަކު ނަގާތޯ ނުވަތަ ނޫންތޯ، މަސްވެރިން މި ތިބީ އަމިއްލަ އަތުން ޙަރަދު ކުރަންވެސް ތައްޔާރަށް އެމަސްތައް ރިޖެކްޓް ވާ ސަބަބާ މަސްތަކަށް ހަދާގޮތްބަލަން ވަރަށް ބޭނުންވެފައި" މަސްވެރިޔަކު ގުންޒަރުގައި ސުވާލު ކުރަމުން ފާހަގަކުރެއްވިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިފްކޯގެ ސީއީއޯ ސަމާޙް ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތަކަކީ އެންމެ ފުރަތަމަ ދުވަހުވެސް ފާހަގަކުރެވިފައިވާ ކަންބޮޑުވުންތަކެއްކަމަށެވެ. އަދި ބޭރަށް މަސް ގެންދިއުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުންވެސް ކަންބޮޑުވުންތައް ފާޅުކޮށްފައިވާކަމަށްވެސް ސަމާޙް ވިދާޅުވިއެވެ.

"މިފްކޯއިން ބޭރު ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި އުޅޭ މީހުން މިހާރު ވާނީ ބަދަލުކޮށްފައި، މަސް ރިޖެކްޓްވާ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް މިހާރު މިދަނީ އެކަން ކުރަމުން" ސަމާހް ވިދާޅުވިއެވެ.

މިި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ މަސްވެރިންނަށް ދިމާވާ ދަތިތަކުގެ ތެރެއިން މިހާރުން މިހާރަށް ހައްލުކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.