ޚަބަރު

ހިލޭ ހައްޖަށް ފޮނުވާ މީހުން ފޮނުވާނީ މިނިސްޓްރީގެ ރިޒާވް ކޯޓާގެ ތެރެއިން: ވަޒީރު ޝަހީމް


  • ހިލޭ ހައްޖަށް ފޮނުވާ 50 މީހުންނަކީ ރިޒާވްކޮށްފައިވާ ކޯޓާއިން ފޮނުވާ މީހުން

  • މިކަމަށް ވަނީ އުސޫލެއް އެކުލަވާލެވިފައި، އަންނަ ހަފްތާ އުސޫލު ގެޒެޓް ކުރެވޭނެ

  • ހައްޖު ކޯޓާ އިތުރުވާނެ ކަމުގެ އުންމީދު އެބައޮތް

މިއަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ފޮނުވާނީ އިސްލާމިކް މިނިސްޓްރީގެ ރިޒާވް ކޯޓާގެ ތެރެއިން ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެމިނިސްޓްރީން އަބަދުވެސް ހައްޖު ކޯޓާއިން 50 ހަކަށް ޖާގަ ރިޒާވްކޮށްފައި އޮންނަކަމަށެވެ. އަދި ބައެއް ފަހަރު މިއަދަދު އިތުރުވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރިޒާވްކޮށްފައިވާ ހައްޖު ކޯޓާތަކަކީ ޚާއްސަ ހާލަތްތަކުގައި މީހުން ފޮނުވުމަށް ކަނޑައަޅާފައިވާ ކޯޓާތަކެއްކަމަށެވެ. އެގޮތުން މިފަހަރު ހައްޖަށް ފޮނުވާ 50 މީހުންނަކީ އޭގެ ތެރެއިން ކަނޑައެޅޭ މީހުން ކަމަަށް ވަޒީރު ވިދާޅުވިއެވެ.

މިމީހުން ކަނޑައަޅާނީ ފަގީރުންގެ ލިސްޓުގައި ތިބީ މީހުންގެ ތެރެއިން ނަގާ ގުރުއަތަކުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ފަގީރުން ހައްޖަށް ގެންދިއުމާ ގުޅޭ އުސޫލް މިހާރު އެކުލަވާލައްވާފައިވާ ކަމަށާއި، މި އުސޫލުގެ ފެށޭ ހަފްތާ ތެރޭ ގެޒެޓް ކުރައްވާނެ ކަމަށެވެ.

" އުސޫލު މިހާރުވެސް އޮތީ ނިމިފައި. އަޅުގަނޑުމެން ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އިރާދަކުރެއްވިއްޔާ މި ފެށޭ ހަފްތާގައި ގެޒެޓް ކުރާނަން. އެއައްފަހު އަޅުގަނޑުމެން ގުރުއަތަށް ދާނީ. މިއަހަރުގެ ފަގީރުންގެ ލިސްޓުން. ފަގީރުންގެ ލިސްޓަކީ ކޮންމެ އަހަރަކުވެސް އަޕްޑޭޓް ވާ އެއްޗެއް. އޭގެން ގުރުއަތުން ދިމާވާ މީހާއަށް އިރާދަކުރެއްވިއްޔާ އެ ހައްޖުގެ ފުުރުސަތު ދެވިގެންދާނީ. އޭގައި އަޅުގަނޑުމެން އަންހެނެއް ފިރިހެނެއް ތަފާތު ކުރުމެއް ނޯންނާނެ ހުރިހާ އެންމެންނަށްވެސް އެ ފުރުސަތު ފަހިވާގޮތަށް އެކަން ކުރިއަށް ގެންދާނީ" އިސްލާމީ ކަންތަކާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ ހައްޖު ކޯޓާ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ. މިމަސައްކަތުގެ ދަށުން ކޯޓާ އިތުރުވެއްޖެނަމަ މިހާރު ހައްޖަށް މީހުން ދިޔުމަށް ހަދާފައިވާ ކިއު ބޮޑުތަނުން ކުޑަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ކޯޓާ އިތުރުވުމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.