ޚަބަރު

ފުޅަދޫން ވިޔަފާރިއާއި އިޤްތިޞާދީ ބޭނުންތަކަށް 26 ބިމެއް ދޫކުރަނީ


  • މި ބިންތައް ދޫކުރަނީ ރަށުގެ ކުދި ޖާގަތަކުގައި މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް

  • މި ބިންތައް ދޫކުރަނީ ބަނދަރުގެ އިރުން އަލަށް ހިއްކާފައިވާ ފަސްގަޑުން

ބ. ފުޅަދޫން ވިޔަފާރިއާއި އިޤްތިޞާދީ ބޭނުންތަކަށް 26 ބިމެއް ދޫކުރުމަށް ހުޅުވާލައިފިއެވެ. ވިޔަފާރީގެ ތަފާތު ގިނަ ބޭނުންތަކަށް ބިންތައް ދޫކުރުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.

ފުޅަދޫ ކައުންސިލުން ވިދާޅުވީ، ރަށުގައި މިހާރު ކުޑަ ޖާގަތަކެއްގައި ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތައް ކުރަމުންދާތީ އިޖްތިމާއީ ބައެއް މައްސަލަތައް ނިކުންނަކަމަށެވެ. އެހެންކަމުން ރަށުގައި ހުރި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ރަށުގެ ބަނދަރާ ގުޅިގެން ބަނދަރުގެ އިރުން އަލަށް ހިއްކާފައިވާ ފަސްގަޑުން ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް ބިން ދޫކުރުމަށް ހުޅުވާލީ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ފުޅަދޫ ކައުންސިލުން ވިދާޅުވީ ބިން ދޫކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެންބަރު 06 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ޢާއްމު ބައްދަލުވުމުގައިކަމަށެވެ. އެގޮތުން ބިން ދޫކުރަނީ ފައިބަރ މަސައްކަތް ކުރުމަށާއި، ގައު އެޅުމަށާއި، ވަޑާން ކުރުމަށާއި، ގުދަން އެޅުމަށާއި އަދި ލަނޑާ ކެއްކުމަށް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ފުޅަދޫން ވިޔަފާރީގެ ބޭނުންތަކަށް ދޫކުރާ ބިންތަކާއި އަދަދު:

* ފައިބަރ މަސައްކަތް ކުރުމަށް - 04 ބިން
* ގައު އެޅުމަށް - 03 ބިން
* ވަޑާން ކުރުމަށް - 03 ބިން
* ގުދަން އެޅުމަށް - 09 ބިން
* ލަނޑާ ކެއްކުމަށް - 07 ބިން

ފުޅަދޫން ދޫކުރާ ބިންތަކުގެ ތެރެއިން ބޮޑެތި ބިންތަކަކަކީ 1400 އަކަފޫޓާއި 1500 އަކަފޫޓު ބިންތައެވެ. ކުދި ބިންތަކަކީ 450 އަކަފޫޓު ބިންތައް ކަމަށް ކައުންސިލުން ވިދާޅުވެއެވެ. މިބިންތަކަށް ހުށަހެޅޭނެ އެންމެ ކުޑަކުއްޔަކީ މަހަކު އަކަފޫޓަކަށް 60 ލާރިކަމަށާއި، ބިން ކުއްޔަށް ދެވޭނީ، ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މިބިންތައް ކުއްޔަށް ނަގަން ޝައުޤުވެރިވާ، ފުޅަދޫގެ ރައްޔިތުން މަޢުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުން ވަނީ ހުޅުވާލާފައެވެ.