މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް އެހީފޯރުކޮށްދިނުމަށް ބައިނަލްއަގުއާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ހަދާފައިވާ ފަންޑްތަކުން އެހީ ލިބޭނެ ފަސޭހަ ގޮތްތަކާ މެދު ކޮޕް-28 ސަމިޓްގައި މަޝްވަރާކުރައްވަން ނިންމަވާފައިވާކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޔޫއޭއީގައި ބާއްވާ ކޮޕް-28 ސަމިޓަށް ފުރައިވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް މި ސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރައްވާނެކަންކަން ހިއްސާކުރައްވަމުންނެވެ.
ޔުނައިޓެޑް އަރަބި އެމިރޭޓްސް، ޔޫއޭއީގައި އޮންނަ ކޮޕް-28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފުރައިވަޑައިގުތުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތު ޙިއްސާކުރަމުން މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައި އޮތް ތިމާވެށީގެ ބޮޑެތި މައްސަލަތަކަށް މި ސަމިޓުގައި ވަކާލާތު ކުރައްވާނެކަމަށެވެ. ޚާއްސަކޮށް ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަކާލާތުކޮށް އެކަން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ސަމާލުކަމަށް ގެންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެކަހަލަ ކުދި ގައުމުތަކުން ވިހަގޭސް ޖައްވައް ބޭރުކުރާ މިންވަރު މަދުނަމަވެސް ދުނިޔޭގެ ތަަރއްޤީވަމުން އަންނަ ގައުމުތަކުން ބޭރުކުރާ ގޭސްތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހެނީ ރާއްޖެކަހަލަ ކުދި ގައުމުތަކަށެވެ. މީގެ ކުރިން މިކަމާ ވަކާލާތު ކުރެއްވި ނަމަވެސް މިސަމިޓުގައި މިކަން މަދުކުރުމަށް ދުނިޔޭގެ ތަރައްޤީވެފައި އޮތްގައުމުތަކާއެކު މަޝްވަރާކޮށް އެކަންކަމަށް ހައްލު ގެނައުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ އެކަމުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް އެކުލަވާލާފައި އޮތް ފަންޑުތަކުން ފަސޭހައި އެހީ ލިބޭނެ ގޮތްތަކުގެ މައްޗައް ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި އަލިއަޅުއްވާލައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ސަމިޓުގައި ރާއްޖޭގެ ޙައްގުގައި ވަރަށް ގިނަކަންކަމާ މެދު މަޝްވާކުރެވޭނެ، އަަދި އޭގެ ފައިދާ ޤައުމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް ހަދާފައިވާ "ލޮސް އެންޑް ޑެމޭޖް" ފަންޑު މެދުވެރިކޮށް ފަސޭހައިން ފައިސާ ނެގޭނެގޮތްތަކެއް ހެދުމަށް ވަކާލާތު ކުރެވިގެންދާނެ" މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ހޫނު މިން އުފުލުމާއި، ރަށް ގިރުމުމުގެ މައްސަލަތަކާއި، ފަރުތަކުގެ މުރަކަ މަރުވުމުވަމީ ތިމާވެށީގެ ގޮތުން ކުރިމަތިވާ ބޮޑެތި މައްސަލަތަކެވެ. މިކަމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުގައި ރާއްޖެކަހަލަ ކުދިކުދި ގައުމުތަކަށް އޮތް ބޮޑު ގޮންޖެހުމެއްކަން ސިފަކުރައްވައި ވަޒީރު ވިދާޅުވީ، ބައިނަލްއަޤުއާމީ މައިދާނުގައި އަޑު އުފުލުމަށް ލިބޭ މި ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފައި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ ގިނަ ކަންކަމާމެދު މަޝްވަރާކުރެވިގެން ދާނެކަމަށެވެ.
އަދި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންވުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހާލަތާގުޅޭ މައުލޫމާތު ބޮޑެތި ގައުމުތަކުގެ ސަމާލުކަމާށްގެނެސް، އެކަންކަމަށް ހައްލުހޯދައިދިނުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅުހުރީ މި ސަމިޓްގެ ސަބަބުން ގައުމަށް ފައިދާކުރާނެ މުހިންމުކަންކަމާ މަޝްވަރާކޮށް ގޮތްތަކެއް ހޯދުންކަމަށްވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
"ރާއްޖެކަހަލަ ކުދި ގައުމުތަކުން އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމެއްއެއީ ދުނިޔޭގެ ހޫނުމިން މައްޗަށްދިއުމާ ގުޅިގެން ކުދި ގައުމުތަކަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވޭ، އެހެން ނަމަވެސް އެކަމަކީ ބޮޑެތި ގައުމުތަކުން މާބޮޑު އިސްކަމެއް ދޭކަމެއްނޫން އެކަމު ކުދި ގައުމުތަކުން އެކަމާ ވަކާލާތުކުރާއިރު ރާއްޖެއިން އެކަމުގައި މިސާލު މި ސަމިޓުގައި ދައްކާ ނަތީޖާ ނެރުމަށް މަސައްކަތް ކުރާނަން" މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
މިކަންކަމުގެ އިތުރަށް މިފަހަރުގެ ސަމިޓުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވޭނެ ދާއިރާތަކުގެ ތެރޭގައި، ސްކޮޓްލެންޑުގެ ގްލަސްގޯގައި ބޭއްވި ކޮޕް-26 ސަމިޓުގައި ޤައުމުތަކުން އެއްބަސްވިކަންކަން ހާޞިލުކުރެވުނު މިންވަރާއި، ކުނީގެ މައްސަލަތައް ހައްލު ކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ހިމެނެއެވެ. އިޔާދަ ކުރުވަނިވިހަކަތައިގެ މުހިންމު ކަމާ އެކަމަށް ރާއްޖެއިން އެދޭ މިންވަރާ އެކަމަށް ބޭރުގެ ބޮޑެތި ގައުމުތަކުން އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިގެންދާނެއެވެ.
މި ސަމިޓްގައި ދުނިޔޭގެ އެކިއެކި ގައުމުތަކުން 160 އަށްވުރެ ގިނަ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުމުގައި ރާއްޖެ ތަމްސީލްކޮށް ތަޤުރީރް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. އަދި ރާއްޖެއިން މި ސަމިޓުގައި ބައިވެރިވަޑައިގަންވާ ވަފްދުންވެސް އެކިއެކި ފަރާތްތަކާ ބައްދަލުކޮށް ތިމާވެށީގެ ގޮތުން ކުރިމަތިވަމުންގެންދާ މައްސަލަތަކާ އެކަމަށް ބޭނުންވާ މާލީ އެހީ ހޯދުމާ ގުޅޭގޮތުން މަޝްވަރާތަަކެއް ކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީ ކާމިޔާބު ކޮޕް ސަމިޓަކަށް ވެގންދާނެކަމަށް ސަރުކާރުން ދެކެއެވެ.