ޚަބަރު

ލޯފަން މީހުން ވޯޓުލާ ޓެމްޕްލެޓް، އެމީހުން އެދޭ މަރުކަޒުތަކަށް އެކަނި ފޮނުވަން މަޝްވަރާކުރަނީ


  • ޓެންޕްލޭޓް ފުރަތަމަ ބޭނުންކުރީ ރިޔާސީ އިންތިހާބުގައި

  • ރިޔާސީ އިންތިޚާބުގައި ލޯފަން 45 މީހުން ވޯޓުލި

  • ލޯފަންމީހުން އެދޭ މަރުކަޒުތަކުގައި އެކަނި ޓެންޕްލޭޓް ބެހެއްޓުމަށް މަޝަވަރާކުރަނީ

ލޯފަން މީހުން، އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަށް ބޭނުންކުރާ ޓެމްޕްލެޓް، އެމީހުން ވޯޓުލާ މަރުކަޒުތަކުގައި އެކަނި ބޭނުންކުރާގޮތަށް މަޝްވަރާކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ލޯފަން މީހުން ވޯޓުލުމަށް، ތެމްޕްލޭޓް ވަނީ ހުރިހާ މަރުކަޒަކަށްވެސް ފޮނުވާފައެވެ. ހުރިހާ މަރުކަޒެއްގައި އެ ޓެމްޕްލޭޓް ބޭނުންކުރުމަކީ ބޮޑު ޚަރަދެއް ހިނގާކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެމީހުންގެ އަމިއްލަ އިހްތިޔާރުގައި ވޯޓު ލެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމަކީ މީގެ ކުރިން އެފަދަ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނެވުނު އިސްލާޙާއެކު ނިމިދިޔަ ރިޔާސީ އިންތިހާބު ވެފައިވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު މީހެއްގެ އެހީތެރިކަމަކާނުލާ، އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު މިހާތަނަށް ފަހިވެގެންދިޔަ ފުރަތަމަ އިންތިހާބަށެވެ.

ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އިންތިޚާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރުމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށަހެޅުއްވި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ 19 ޖޫން 2023 ގައެވެ. އަދި މި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވީ، 22 ޖޫން 2023 ގައެވެ. މި އިސްލާޙުގެ އެންމެ ބޮޑު ބޭނުމަކީ ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށްދެއްވުމެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ހުރިހާ ވޯޓުލާ މަރުކަޒެއްގައިވެސް، ފެނުމުން މަހުރޫމްވެފައިވާ މީހުން ވޯޓުލުމަށް ޓެންޕްލޭޓް ބެހެއްޓިކަމަށެވެ.

ހަބީބް ވިދާޅުވީ، ވޯޓުލާ ކޮންމެ މަރުކަޒެއްގައި ޓެންޕްލޭޓެއް ބޭއްވުމަކީ ބޮޑު ޚަރަދެއް މިކަމަށް ހިނގާކަމެއްކަމަށެވެ. އެހެންކަމުން މިކަމާއިމެދު ކޮމިޝަނުން މަޝްވަރާކުރަމުންދާކަމަށް ޙަބީބު ވިދާޅުވިއެވެ. އެގޮތުން މިފަދަ ފަރާތްތަކުން ޓެންޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ މަރުކަޒުތައް އީސީއަށް އަންގައި، އެ މަރުކަޒުތަކުގައި އެކަނި ޓެންޕްލޭޓް ބޭނުންކުރުމާއިމެދު ކޮމިޝަނުން މަޝްވަރާކުރަމުންދާކަމަށް ހަބީބް ވިދާޅުވިއެވެ.

"މިއީ ވަރަށް ބޮޑު ޚަރަދެއްވެސް ހިނގާ ކަމެއް. އެހެންވީމަ ކުރީބާގައި މިފަދަ ބޭފުޅުން ވަކި ވޯޓު ފޮއްޓަކަށް ވޯޓުލާކަމަށްވަންޏާ ރީ-ރަޖިސްޓްރީކުރާގޮތައް އެ މައުލޫމާތު އަޅުގަނޑުމެންނާއި ހިއްސާކުރާގޮތައް އެކަހަލަ ގޮތަކަށް ކޮމިޝަނުން މަޝްވަރާ ކުރަމުން އެބަގެންދެވޭ. އެކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި އަދި ސަރުކާރުގެވެސް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މި މައުލޫމާތު އަޅުގަނޑުމެން ހޯދާ މިދެންނެވި ބޭފުޅުން ވޯޓުލައްވާނެ މަރުކަޒުތަކަށް އެކަނި ޓެމްޕްލޭޓް އަޅުގަނޑުމެން ތައްޔާރު ކުރާނީ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަރަށް ގިނަ ދާއިރާތައްވެސް ހިމެނޭ ބައެއް މަރުކަޒުތައްވެސް ހުރެދާނެ. ރާއްޖެއިން ބޭރުގައިވެސް ވަރަށް ގިނަ ދާއިރާތައް ހުންނައިރު އެއީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނީ ދެއްތޯ." ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ނިމުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޓެންޕްލޭޓް ބޭނުންކޮށްގެން ވޯޓުލާފައިވަނީ ފެނުމުން މަހުރޫމްވެފައިވާ 45 މީހަކުކަމަށެވެ. މި ޓެންޕްލޭޓް ހުންނަނީ އެމްބޯސް ނުވަތަ ކަރުދާހުގައި އުފުލިފައި ހުންނަ ގޮތަށް ހުންނަ ކުދި ބޮޅުތަކެކެވެ. ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރުގެ އަދަދު މި ޓެމްޕްލޭޓުން ދެނެގަނެވޭނެއެވެ.