އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބު ރޯދައިގެ ފަހުން ބޭއްވޭ އެންމެ އަވަސް ތާރީޚެއްގައި ބޭއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިން ލަފަޔާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ. ހަބީބު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރަމަޟާން މަހުގެ ފަހު 10އަކާއި ދިމާވާތީ، އޭގެ ކުރިން އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ވަނީ އެދިވަޑައިގެންފައެވެ. އެކޮމިޓީން އެރުވި ލަފާގައި ބުނެފައި ވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތެއް ރޯދަ މަހަށް ފަހު ވެސް ލިބޭތީ ރޯދަ މަސް ނިމުމުން އެންމެ އަވަހަށް ބޭއްވޭ ތާރީޚެއްގައި އިންތިޚާބު ބޭއްވުމަށެވެ.
މިނިންމުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ކޮމިޓީގެ މިނިންމުމާއި ގުޅޭގޮތުން ކޮމިޝަންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. ކޮމެޓީން މިހާރު ލަފާދެއްވާފައިވާގޮތުން އިންތިޚާބު ބޭއްވުމުގެ އެންމެ ފަހު ތާރީޚަކަށް ވާނީ އީދު ބަންދުތެރެކަމަށް ހަބީބު ވިދާޅުވިއެވެ. އީދު ބަންދުތެރޭގައި އިންތިޚާބު ބާއްވާނަމަ ވޯޓުލާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ހަބީބު ވިދާޅުވިއެވެ.
"އީދު ބަންދުތެރޭގައި މީހުން އެއްތަނުން އަނެއް ތަނަށް ދިއުމުގެ ފުރުސަތު ބޮޑުވާނެ. އޭގެ ސަބަބުން ވޯޓުލާ މީހުންގެ އަދަދު ދަށްވުމަކީ ހަމަ އެކަށީގެންވާކަމެއް. އަދި ހަމަ އެއާއިއެކު އޮފިޝަލުން އަޅުގަނޑުމެންނަށް ނުލިބުމުގެ ބިރު އެބައޮތް ހަމަ ވަރަށް ބޮޑަށް. އެއީ އޮފިޝަލުންވެސް ޗުއްޓީ ގުރުބާންކޮށްފައި ތިބެދާނެކަމާއިމެދު ޝައްކު އުފެދޭ. އެނގިވަޑައިގަންނަވާނެ ރިޔާސީ އިންތިޚާބުގައިވެސް އޮފިޝަލުން ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރެފައި އެންމެ ފަހު ވަގުތުގައި އެކަން ރަނގަޅަށް ގެންދެވުނީ." ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، ކޮމެޓީން މިހާރު ލަފާދެއްވާފައިވާ ގޮތަށް އިންތިޚާބު ބާއްވާނަމަ އިންތިޚާބުގެ އިތުރު ބުރެއް ބާއްވަން ޖެހިއްޖެނަމަ އެކަމަށް ފުރުސަތު ނުލިބޭނެކަމަށެވެ. އަދި ރޯދަ މަހުގެ ތެރޭގައި ކެންޕެއިން ކުރުމަށް އުނދަގޫތަކެއް ހުރިކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާކަމަކީވެސް އޮތް ގޮންޖެހުމެއްގެ ގޮތުގައި ހަބީބު ފާހަގަކުރެއްވިއެވެ.
"ބައެއް މީހުން އެބަބުނޭ ރޯދަމަހު ކެންޕެއިން ކުރުމަށްވެސް އުނދަގޫވާނެއޭ. އެއީ ގިނަ މީހުން އަޅުކަމުގެ ތެރޭގައި އުޅޭނީ." ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، ރައްޔިތުން މަޖިލީހުން ދެއްވި ލަފާފުޅަށް އިހްތިރާމްކުރައވާނެކަމަށެވެ. މިކަމާއިމެދު ކޮމިޝަނުން އަދި ގޮތެއް ކަނޑަ ނާޅާކަމަށާއި، ކޮމިޝަނުން ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާގައި މަޝްވަރާކުރެއްވުމަށްފަހު އެއަށް ގޮތެއް ނިންމަވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރާއިރު ކޮމިޝަނަށް ހުރި ގޮންޖެހުންތަކާއި މިކަންކަމަށް ރިއާޔަތްކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ އަހަރުގެ މޭއި މަހުގެ 28 އަށް ހަމަވާނެއެވެ. އަދި ޤާނޫނު ބަޔާންކުރާގޮތުން 120 ދުވަހުގެ ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަންޖެހެއެވެ. އަދި 19 ވަނަ މަޖިލީހުގެ ދައުރު ހަމަވުމުގެ އެއްމަސް ކުރިން އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަންޖެހެއެވެ. އެއީ އޭޕްރީލް 28 ވަނަ ދުވަހުގެ ކުރިންނެވެ.