ޤައުމަކަށް ނުވަތަ ބަޔަކަށް ލިބިފައިވާ ބިންކޮޅު ކުޑަކަމާއި އެ ބައެއްގެ އަދަދުގެ މަދު ކަމަކީ ޤައުމަށް އަމާނާތްތެރިވުމާއި ޤައުމީ ލޯތްބަށް އޮތް ހުރަހެއް ނޫންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މި ފަދައިން ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބ. ތުޅާދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދުވަހާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ޢުދުވާނީ ހަމަލާގައި ތުޅާދުއަށް ނިސްބަތްވާ ސިފައިންގެ އެއް ބޭކަލަކު ކަމުގައިވާ ޙުސައިން މުޙައްމަދު ވަނީ ޝަހީދުވެފައެވެ. ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާގެ ބޮޑީގާޑަކަށް ހުންނެވި ޢަލީ ޙަސަނަކީ ވެސް އެ ދުވަހުގެ ހަނގުރާމައިގައި ހިތްވަރާއި ތެދުވެރިކަން ދެއްކެވި ބޭކަލެކެވެ.
މި ދެބޭކަލުންގެ ހިތްވަރަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ މީގެ 35 އަހަރު ކުރިން ދިވެހީންނާ މި ހަމަލާ ކުރިމަތިވިއިރު އޭރު ތުޅާދުއަކީ މިހާރުގެ ތުޅާދުއާ އަޅާ ބަލާއިރު ވަރަށް ކުޑަކުޑަ ރަށެއްކަމަށެވެ. ނަމަވެސް އެ ހަނގުރާމަގައި ތުޅާދޫގެ މި ދެ ފަހުލަވާނުން ދައްކައިދެއްވީ ވަރަށް މަތިވެރި އަދި އެހާމެ ބޮޑު ޤައުމީ ލޯބީގެ ޙަޤީޤަތެއްކަމަށެވެ.
މިފަދަ ފުން ޤައުމީ ލޯތްބެއް އޭރުގެ ދިވެހީންގެ ކިބައިގައި އޮތުމުން ޤައުމަށް ރައްކާތެރިކަން ލިބުނު ކަމަށާއި، މިއަދު އެކަން އަލުން ދިރުވަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު މަޝްރޫޢަކީ އަދުގެ ޖީލުތަކުގެ ހިތްތަކުގައި ދިވެހިވަންތަކަމާއި ދިވެހީންގެ އަސްލުތަކަށް ލޯބިކުރުމުގެ ރޫޙު ދިރިގެންދާނެ ވަރަށް އުންމީދީ އަދި ނަތީޖާ ފެންނާނެ މަޝްރޫޢަކަށް ވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.