ދިވެހިބަހުގެ އެކެޑަމީން އިންތިޒާމު ކޮށްގެން ބާއްވާ އަދަބީ މުބާރާތްތަކުގައި ބައިވެރިވާ ބ.ތުޅާދޫ މަދަރުސާގެ ދަރިވަރުންގެ ފަރިތަކުރުންތައް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ބައްލަވާލައްވައިފިއެވެ.
ތުޅާދޫ މަދަރުސާގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނާއި ވަޒީރު ބައްދަލުކުރެއްވީ އެރަށުގައި ބާއްވާ ރަސްމީ ޖަލްސާއަކަށް ވަޑައިގެންނެވުމަށްފަހުއެވެ.
ދަރިވަރުންނާ ބައްދަލުކުރައްވައި ވަޒީރުވަނީ އަދަބީ ރޮނގުން ކުރިއަށްދާން ބޭނުންވާ ކޮންމެ ދަރިވަރަކުވެސް އަދަބީ އުފެއްދުންތައް އަޑުއެހުމުގެ އިތުރުން ކިއުމާއި ލިއުމާއި އަނގަބަހުން ބަޔާންކުރުންފަދަ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި އަދަބީ މުބާރާތްތައް އިންތިޒާމުކޮށް ބޭއްވުމަށް ދިވެހިބަހުގެ އެކެޑަމީން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ މުބާރާތްތަކަށް ދަރިވަރުން ފަރިތަކޮށްދެއްވުމަށް މުދައްރިސުން ކޮށްދެއްވާ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ތުޅާދޫ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންވަނީ އަދަބީ ކަންކަމަށް އިތުރު ދިރުން ބޭނުންވާކަން ފާހަގަކޮށްފައެވެ. މިކަމަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އަދަބިއްޔަތާއި ޤައުމިއްޔަތުގެ ކަންކަން ދިރުވުމަށް އަވަސް ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވަރުގައި ވަރަށް އިސްކަން ދެއްވާފައިވާ ކަމެއްކަމަށާއި އިރާދަކުރެއްވިއްޔާ އެކަމުގެ ނަތީޖާ ފެންނަނިވި ގޮތަށް ކުރިއަށްދާނެކަމަށެވެ.