ޚަބަރު

ރައީސްގެ އިފްތިތާހީ ތަޤްރީރު: ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ، ތިރިކުރުމެއް ނުވާނެ!


  • ރައީސްގެ އޮފްތިތާހީ ތަޤްރީރަށް ގިނަބަޔަކު އަންނަނީ ތަޢުރީފްކުރަމުން

  • ޤައުމިއްޔަތަށް އޮތް ލޯބި ހާމަކުރެއްވި

  • 6ގެ ފަހުން ދިދަ ތިރިނުކުރެއްވުމަށް ނިންމެވި

"މި މައިދާނަކީތޯ؟ މިއީ، ޝަހީދު ޙުސައިން އާދަމާއި ދިވެހި ޤައުމު ދެކެ ލޯބިވި، އެނޫން އެފަދަ އެތައް ބަޠަލުންނެއް، އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިރާއްޖެއާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، ފުރާނައިން ޤުރުބާންވި ބަރަކާތްތެރި ފަސްގަނޑާ ގުޅިފައިވާ، ޝަރަފުވެރި މައިދާން!" މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރު ފަށްޓަވަމުން ވިދާޅުވި ވާހަކަފުޅެވެ. މި ވާހަކަފުޅުން އެކަނިވެސް އެމަނިކުފާނު ޤައުމާމެދު ގެންގުޅުއްވާ ތަސައްވުރު ވަރަށް ފުރިހަމައަށް ހާމަވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ޤައުމާއި މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އަސަރުގަދަ އަދި ޤައުމިއްޔަތުން ފުރިގެންވާ ތަޤުރީރެއް ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ރިޔާ ކޮށާލި ދުވަސްކަމަށެވެ.

"މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް. މި ވަގުތަކީ ވަރަށް އުންމީދީ ވަގުތެއް. މި މައިދާނަކީ ނަޞްރާއި ކާމިޔާބީގެ މައިދާނެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޤައުމިއްޔަތުގެ އިޙްސާސްތައް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ފަހުން އިރުއޮއްސި ހައެއްގެ ފަހުން ޤައުމީ ދިދަ ތިރިނުކުރާނެކަމަށެވެ. ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާންކަމަށެވެ.

"ތިޔަ އެންމެ ބޭފުޅުން، އެހެރަ ލޮބުވެތި ފަޚުރުވެރި ދިވެހި ދިދަޔަށް ބައްލަވައިލަ ދެއްވުން އެދެން! މި ވަގުތު އެ ޝަރަފުވެރި ދިވެހި ދިދަ އަޅުގަނޑުމެންނާ އެބަ މުޚާޠަބު ކުރޭ. އެއީ، މިނިވަންކަމުގެ ދިދަ. އެކަން ދައްކައިދިނުމަށްޓަކައި، ފިންޏާއި، ހޫނާއި، އަތްވާއި ވާރޭގައި، އެ ދިދަ ވިހުރޭ. އެކަމުން ބުނެދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި، ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ. އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ ބަޔަކު ތިބެގެންކަން. އެހެންކަމުން، އެ ދިދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ދިވެހި ޤައުމު ޙަޤީޤީ ދިވެހި ޤައުމަކަށް ވަނީ، ދިވެހި މުޖުތަމަޢު ދިވެހީންގެ ޙަޤީޤީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން. އެހީތެރިވެގެންކަން. ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި، އެކަކުއަނެކަކަށް އެއްބާރުލުން ދީގެންކަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުގާނުގެ ހިތްޕުޅުގައި ޤައުމީ ދިދައަށް އޮތް ލޯބި ހާމަކުރައްވާފައެވެ. ދިވެހި ދިދައަކީ ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން! ތިޔަ ދައްކައިދެނީ ޤައުމު ދިފާޢުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ޤައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައު ސަރުކާރުން ޤައުމިއްޔަތު ދިރުވާއި އާލާކުރަން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށެވެ.


"މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހީން ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރޭށޭ! އެކުވެރިވާށޭ! ބައިބައިނުވާށޭ!
މިއަދު އަޅުގަނޑުގެ ހިތުގެ ނިދާޔަކީ، ދިވެހީން ދިވެހީންގެ ރިވެތި އަޚުލާޤު ދައްކުވައިދޭށޭ! ހެޔޮބަސް ބުނާށޭ! ނުބައިބަސް ނުބުނާށޭ!
މިއަދު އަޅުގަނޑުގެ އެދުމަކީ، މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްގެ އަގު ދަސްކުރާށޭ! ފަރުވާކުޑަކޮށް ނުލާށޭ!

ޝައްކެއްނެތް، އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ޝުޢޫރަކަށް ވާންވީ؛
ކޮން ފަދަ ނަސީބެއްތޯއެ މީ، ދޮންވެލި ބިމެއްގައި ލެއްވުމީ
ހަންހާރަވެތި ދިވެހީންގެ މީ، ގިންތީ ތެރޭ ހިމެނުއްވުމީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަސަރާއެކު ދިދައަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ.

ދިވެހި ޤައުމީ ދިދަ އިރުއޮއްސި 6ގެ ފަހުން ތިރި ނުކުރެއްވުމަށް އައު ރައީސް ނިންމިނިންމެވުމާއެކު ޤައުމީ ދިދަ ތިރިއެއް ނުކުރާނެއެވެ.