އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް، މާލޭ ސިޓީގެ މޭޔަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މުއިއްޒުވަނީ މާލެ ސިޓީގެ މޭޔަރ ކަމުން މިއަދު އެމަނިކުފާނު އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރައްވާފައެވެ. އަދި މި ފުރުސަތުގައި، މާލެ ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އެމަނިކުފާނަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތްޕުޅަށް ވަނީ ޝުކުރު ދަންނަވާފައެވެ.
މާލެ ސިޓީގެ މޭޔަރ ކަމުން މިއަދު އަޅުގަނޑު އިސްތިޢުފާ ދީފީމެވެ. މި ފުރުސަތުގައި، މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އަޅުގަނޑަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތްޕުޅަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު…
— Dr Mohamed Muizzu (@MMuizzu) November 17, 2023
މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ޙާސިލް ކޮށްދެއްވުމުގައި ވަރުގަދަ ޢަޒުމުގައި މަސައްކަތްކޮށްދެއްވައި، އެއުއްމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށެވެ.
މާލޭގެ މޭޔަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގެންނެވީ 2021ވަނަ އަހަރުގެ މެއި މަހުގެ 17ވަނަ ދުވަހުއެވެ.
ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ. ކުލަގަދަ ރަސްމިއްޔާތަށް، ރައްޔިތުންގެ މަޖިލީހުންވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. މިރަސްމިއްޔާތު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ރައީސަކު ހުވާކުރެއްވުމަށް ބާއްވާ އެންމެ ބޮޑު ރަސްމިއްޔާތަށެވެ.