ޚަބަރު

މަރުގެ 4 މައްސަލައެއްގެ ތަޙްގީގާގުޅޭ މަޢުލޫމާތު ހާމަކޮށްފި


ފުލުހުން ތަޙްޤީޤް ކުރައްވަމުންދާ މަރުގެ 4 މައްސަލައަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާއާ ޙިއްޞާ ކުރައްވައިފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވީ ފުލުހުންނަށް ހުށައެޅިފައިވާ މަރުގެ މައްސަލަތަކުގެ ތަޙްޤީޤް ވީ އެންމެ އަވަހަކަށް ނިންމެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.

ފުލުހުން މިއަދު ޙިއްޞާ ކުރައްވާފައިވަނީ އައްޑޫސިޓީގައި މާރޗް 2 ވަނަދުވަހު ހިނގި ޢަލީ ޢަބްދުﷲގެ މަރުގެ މައްސަލައިގެ މައުލޫމާތާއި، 2015 ވަނައަހަރުގެ ފަހުކޮޅު ޖިންސީ އަނިޔާގެ ސަބަބުން މަރުވި ޒިޔާދާ ނަޢީމްގެ މަރުގެ މައްސަލައިގެ މައުލޫމާތާއި، 7 ޖެނުއަރީ 2016 ވަނަދުވަހު ހެންވެއިރު ގޯޅިއެއްގެ ތެރޭގައި މަރާލައިފައިއޮއްވާ ފެނުނު ހައްވާ ޒުހާގެ މަރުގެ މައްސަލައިގެ މައުލޫމާތާއި، ށ. ނޫމަރާގައި މަރާލައިފައި އޮއްވާ ފެނުނު އުމުން 4 އަހަރުގެ ފާޠިމަތު ޝައިހާ ފަޔާޒްގެ މަރުގެ މައްސަލައިގެ މައުލޫމާތެވެ.

މިއަދު ފުލުހުންގެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލަތަކުގެ ތަޙްޤީޤް ކުރިއަށްގެންދެވި ގޮތާ ގުޅޭ މައުލޫމާތު ޙިއްޞާ ކުރައްވާފައިވީނަމަވެސް ތަޙްޤީޤް ކުރައްވަމުންދާ މައްސަލަތަކެއްކަމުން މާބޮޑު އަޕްޑޭޓެއް ހާމަކުރައްވައިފައެއް ނުވޭ. އޭސީޕީ ނަވާޒް ވިދާޅުވީ މިމައްސަލަތަކުގެ ތަޙްޤީޤަށް ކުރިއެރުންތައް ލިބެމުންދާކަމަށެވެ.

 ފުލުހުން ވިދާޅުވީ މިހާތަނަށް މިދިޔައަހަރުގެ ޑިސެމްބަރުން ފެށިގެން ފުލުހުން ތަޙްޤީޤް ކުރައްވަމުންދާ މަރުގެ މައްސަލަތަކުގެ ތެރެއިން ލ.ގަން ތުނޑީ، ހައްވާ ޒުހާގެ މަރުގެ މައްސަލައިގެ ތަޙްޤީޤް ނިންމަވާ ފްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާކަމަށެވެ.

މީގެ އިތުރުން ށ. ނޫމަރާގައި 4 އަހަރުގެ ތުއްތު ކުއްޖާ މަރާލި މައްސަލައިގައި އެކުއްޖާގެ މަންމަ ހައްޔަރުކޮށް، އޭނާގެ ނަފްސާނީ މައްސަލައެއް ހުންނަކަމަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާގުޅިގެން ތުއްތުކުއްޖާގެ މަންމަގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބެއްލެވުމަށް ސައިކޮލޮޖިކަލް އެސެސްމެންޓް ހައްދަވަމުން ގެންދަވާކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވި ގދ.ތިނަދޫ ތޭންކު ޒިޔާދާ ނަޢީމުގެ މަރުގެ މައްސަލާއާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ މަރުވެފައިވަނީ ފިރިމީހާ ޖިންސީ އަދި ޖިސްމާނީ އަނިޔާ ގެ ސަބަބުންކަން މިހާތަނަށް އެނގިފައިވާކަމަށެވެ.

ސ.ހިތަދޫ ބުރުނީގޭ ޢަލީ ޢަބްދުﷲގެ މަރުގެ މައްސަލައާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ އޭނާ މަރާލާފައިވާނީ ބަޔަކު ދުރާލާ ރާވައިގެންކަން ތަޙްޤީޤަށް އެނގިފައިވާކަމަށެވެ. އަދި މިމައްސަލައިގެ ތަޙްޤީޤަށް 4 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، އެމައްސަލައަކީ ފައިސާއާގުޅުންހުރި މައްސަލައެއްކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވިއެވެ.