އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާއި ގުޅޭގޮތުން އޭ.ސީ.ސީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ހިންގާ ތަޙުޤީގަށް އެ އޮފީހުން ހުރަސްއަޅާފައިވާތީ، އެކަން އޭ.ސީ.ސީއިން ކުށްވެރިކޮށްފިއެވެ.
މިކަމާގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއިން ވިދާޅުވީ، އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކާއި ގުޅިގެން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ދިޔަ އެ ކޮމިޝަންގެ ތަޙުޤީޤު ޓީމުތަކަށް އެ އޮފީހުގެ ބައެއް އިސްވެރިން ހުރަސްއަޅާފައިވާކަމަށެވެ. އަދި ތަޙުޤީގަށް އެއްބާރުލުން ދިން މުވައްޒަފުންގެ މަސައްކަތައް ހުރަސްއަޅައި މުވައްޒަފުންނަށް ދީފައިވާ ބައެއް އެކްސަސްތައް ކަނޑާލައި މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުން ސަސްޕެންޑްކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން އޭ.ސީ.ސީއިން ކުށްވެރިކޮށްފައިވެއެވެ.
އޭ.ސީ.ސީގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްބާރުލުން ދެއްވައި ޤާނޫނު ނެގެހެއްޓުމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން 3 މުވައްޒަފެއް މަސައްކަތް ކޮށްފައިވާތީ އެކަން އޭ.ސީ.ސީއިން ވަނީ ފާހަގަކޮށްފައެވެ.
އޭ.ސީ.ސީއިން ވިދާޅުވީ، ކޮމިޝަންގެ ތަޙުޤީގު ޓީމުން އިންތިޤާލީ އޮމްބަޑްސްޕާރސަންގެ އޮފީހަށް ގޮސް ތަޙުޤީގަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ހޯދުމުގެ މަރުހަލާގައި އެ އޮފީހުން އާންމުންނަށް ދެމުންދިޔަ ޚިދުމަތްތަކަށް ބުރޫއަރާނެފަދަ ނުވަތަ ޚިދުމަތެއް ހުއްޓާލަން ޖެހިދާނެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށެވެ.
ޤާނޫނު އަސާސީންނާއި ޤާނޫނުން އެ ކޮމިޝަނަށް މަތިކޮށްފައި އޮންނަ މަސްއޫލިއްޔަތުތަކާއި އެ ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއްކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ނުވަތަ ހިންގާކަމުގެ ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކުކުރެވިއްޖެނަމަ އެކަމެއް ބަލައި ތަހުޤީގުކުރުމާއި ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުން ހިމެނޭކަމަށް އޭސީސީއިން ވަނީ ވިދާޅުވެފައެވެ.
އޭ.ސީ.ސީއިން ވިދާޅުވީ، އެ ކޮމިޝަނުން މަސައްކަތްކުރަމުން ދަނީ ޤާނޫނު އަސާސީންނާއި ޤާނޫނުން ކޮމިޝަނާއި މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ފަސްނުޖެހިކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާނީ އެ ބީދައިންކަމަށް ވަނީ ވިދާޅުވެފައެވެ.