ޚަބަރު

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 46 ޤައުމެއްގެ މަންދޫބުން ވަޑައިގަންނަވާ


  • މުއިއްޒު ހުވާކުރައްވާނީ މާދަމާ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި

  • ހެޑް އޮފް ސްޓޭޓް ލެވެލްގައި ބައިވެރިވެވަޑައިގަންނަވަނީ ސްރީލަންކާގެ ރައީސް

  • 12 ގައުމަކުން ވަޒީރު ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 46 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވެއްޖެއެވެ. މީގެތެރޭގައި އެ ޤައުމުތަކުގެ އެކި ލެވެލްތަކުގެ ފަރާތްތައް ހިމެނިވަޑައިގަންނަވައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ޙަސަން ޒިޔާއު ވިދާޅުވީ، މާދަމާ އޮންނަ އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ހެޑް އޮފް ސްޓޭޓް ލެވެލްގައި ބައިވެރިވެވަޑައިގަންނަވާނީ އެންމެ ބޭފުޅެއްކަމަށެވެ. އެއީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައެވެ.

2 ޤައުމެއްގެ ނައިބު ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ޒިޔާއު ވިދާޅުވިއެވެ. އެއީ ސީޝެލްސްގެ ނައިބް ރައީސް އަޙްމަދު އަފީފާއި، ޗައިނާގެ ރައީސްގެ ސްޕެޝަލް އެންވޯއީ ޝެން ޔީޖިންއެވެ. އޭނާއަކީ އެ ޤައުމުގައި ނައިބް ރައީސް ފެންވަރުގެ ބޭފުޅެކެވެ. އަދި މި ރަސްމިއްޔާތުގައި 12 ޤައުމަކުން ވަޒީރު ފެންވަރުގެ ބޭފުޅުން ބައިވެރިވާނެއެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 46 ޤައުމަކުން ބައިވެރިވެވަޑައިގަންނަވާއިރު މީގެތެރޭގައި އެމެރިކާ، ޔޫރަޕް، އެފްރިކާ، އޭޝިއާ، ސައުތު އޭޝިއާ އަދި ސާރކް ސަރަހައްދުގެ ޤައުމުތައް ހިމެނެއެވެ.

ބޭރުގެ ޑެލިގޭޝަން ހިމެނޭހެން މި ރަސްމިއްޔާތުގައި 4000 އަށްވުރެ ގިނަ ބޭފުޅުންނަށް ވަނީ ދައުވަތުދެއްވާފައެވެ. ޑރ. މުޢިއްޒު ހުވާކުރައްވާނީ މާދަމާ ހަވީރު 16:45 ގައި ޖުމްހޫރީ މައިދާން ސަރަޙައްދުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރަސްމިއްޔާތަށް ދައުވަތު އެރުވިފައިވާ ބޭފުޅުންނަށް މާދަމާ ހަވީރު 15:15 އިން ފެށިގެން ހަވީރު 16:15 އަށް ރަސްމިއްޔާތު ހިނގާ ސަރަޙައްދަށް ވަޑައިގެންނެވޭނެއެވެ. ނަމަވެސް 16:15 ގައި ސެކިއުރިޓީ ގޭޓްތައް ބަންދުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއްވައެވެ.