ފ.މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ އެއަރޕޯޓުގެ ހިންގުން ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސުން ރީޖަނަލް އެއަރޕޯޓް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، މަގޫދޫ އެއަރޕޯޓް ހިންގުން ވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫއަކީ ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅުކަމަށްވާ ފ.އަތޮޅު މަގޫދޫގައި ތަރައްޤީކުރާ މި އެއަރޕޯޓުގައި މަތިންދާ ބޯޓްތަކަށް ތެޔޮ އެޅޭނެގޮތަށް ފިއުލް ފާމެއްވެސް ހުންނާނެކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ޓެކްސީވޭ އޭޕްރަން، ފަޔަރޕެޑް، ޕަސެންޖަރ ޓަރމިނަލް، ކޮންޓްރޯލް ޓަވަރާއެކު ފަޔަރ ސްޓޭޝަން ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.
މަގޫދޫ އެއަރޕޯޓުގައި ފުރަތަމަ ތަރައްޤީކުރަން ނިންމީ 1200 މީޓަރުގެ ރަންވޭއެކެވެ. އެހެންނަމަވެސް މިހާރުވަނީ އެއަރޕޯޓުގައި 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ރަންވޭ ބޮޑުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން މި އެއަރޕޯޓްގެ ފަޔާ ބިލްޑިންގެ މަސައްކަތް ނިމި ޕެސެންޖަރ ޓާމިނަލް ސްޓްރަކްޗާގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް ރީޖަނަލް އެއަރޕޯޓު ކުންފުނިން މައުލޫމާތުދެއެވެ.
މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމް.ޓީ.ސީ.ސީން ހިއްކާ، 3300 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ޙިމާޔަތްކުރާނެއެވެ.
ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 17 އެއަރޕޯޓް އެބައޮތެވެ. މީގެ ތެރޭގައި 4 އިންޓަރނޭޝަނަލް އެއަރޕޯޓް ހިމެނެއެވެ. އަދި ރީޖަނަލް އެއަޕޯޓްސްއިން 7 އެއަރޕޯޓެއް އޮޕަރޭޓް ކުރަމުން ގެންދެއެވެ.