ޚަބަރު

ކޯވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖަހަންކުރި ދަތުރުގެ ޑޮކިއުމަންޓްރީއެއް


  • ކޯވިޑް-19ގެ ދުވަސްވަރުގެ ތަޖުރިބާ މި ޑޮކިއުމަންޓްރީން ފެންނާނެ

  • ފަތުރުވެރިކަން ކުރިއަރުވަން ކުރި މަސައްކަތް ހިމެނޭ

  • އިޤްތިޞާދަށް ކުރި އަސަރު ފެންނާނެ

ކޯވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ކުރި މަސައްކަތުގެ މައްޗައް ބިނާކޮށް ތައްޔާރުކުރި ޑޮކިއުމަންޓްރީ އަންނަ ބުދަ ދުވަހު ޢާންމުކުރަން ނިންމައިފިއެވެ. މިއީ ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ތައްޔާރުކުރި ޑޮކިއުމަންޓްރީއެކެވެ.

ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކުރި ޑޮކިއުމަންޓްރީގެ ޓްރެއިލާ މިހާރު ވަނީ ޢާންމުކޮށްފައެވެ. އެ ޓްރެއިލާގައި ކޯވިޑް-19ގެ ބަލިމަޑުކަމުން ރާއްޖޭގެ އިގްތިޞާދު ނުވަތަ ފަތުރުވެރިކަމަށް އެރި ލޮޅުމާއި، އެކަމުން ސަލާމަތްވުމަށް ކުރި މަސައްކަތާއި، އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުނު ފަރާތްތައް ފެނިގެންދިޔައެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ކޯވިޑްގެ ދުވަސްވަރު ގާއިމުކުރެވުނު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ މަސައްކަތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް ވެސް ފެނިގެންދެއެވެ.

އެއް މިނިޓުގެ މި ކުޑަ ޓްރެއިލާރގައި ފެންނަ މަންޒަރުގައި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ މި ފަހަރު ވަރަށް ބޮޑު ފިލާވަޅެއް ދަސްވެގެން ދިޔަކަމާއި، ދެން މި ފަދަ ކަމެއް ދިމާވެއްޖެނަމަ މިއަށްވުރެ މާ ފުރިހަމައަށް ކަންކަންކުރެވި ހައްލުކުރެވިގެން ދާނެކަމަށެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ކޯވިޑުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ މުޅި ދުނިޔެ ފުރަބަންދަކަށް ދިއުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި ޑޮކިއުމެންޓަރީ އާންމުކޮށް ދެއްކުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ 10:15 ގައި ކަމަށެވެ

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށްވާއިރު، ކޯވިޑްގެ އާލަމީ ވަބާއާގުޅިގެން ފަތުރުވެރިކަން ހުއްޓަމަކަށް އައުންވެގެންދިޔައީ އޭގެ އަސަރުތައް ރާއްޖޭގެ އިޤްތިޞާދަށް އިންތިހާއަށް ކުރި ކަމަކަށެވެ. އެގޮތުން 1972 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ފެށިފަހުން ދުވަހަކުވެސް ފަތުރުވެރިކަމުގެ ސިނާއަތް ދަށަށް ނުދާ މިންވަރަށް ކޯވިޑް19 ގެ ސަބަބުން ދަށަށް ދިޔައެވެ.

ކޯވިޑް-19ގެ ބަނަ ވިލާގަނޑު ރާއްޖެއަށް ހިޔަނި އަޅާނެ ކަމުގެ ބިރު އުފެދުމާއެކު، ބަލީގެ އެންމެ ކުރީކޮޅުން ފެށިގެން، ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ، މިކަމުން އަރައިގަތުމަށެވެ. ރާއްޖެއަށް ބަލި އަންނާނެކަން ދަނެ ރާއްޖޭގެ ސިއްޙީ ޚިދުމަތް ތައްޔާރީ ހާލަތަކަށް ގެންނެވިއެވެ.ރާއްޖެއިން ބަލި ފެނުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ގެންދެވީ ސިއްޙީ މާހިރުންގެ ލަފާފުޅާއެކު ބަލިން ވީހާވެސް އަވަހަށް އަރައިގަނެވޭނެ ގިނަ ގޮތްތަކެއް ތަންފީޒްކުރައްވަމުންނެވެ. އެގޮތުން ބަލީގައި ފަރުވަދެވޭނެ ނިޒާމުތަކެއް ކަނޑައަޅައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި، މި ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެތައް ސަތޭކަ ޞިއްޙީ ޚިދުމަތްތެރިން ތަމްރީނު ކުރުވިއެވެ. އަދި ރާއްޖެއިން ކޯވިޑްގެ ޓެސްޓް ހެދޭނެ ޤާބިލްކަން ހޯދީވެސް މި ބަލީގެ އެންމެ ކުރީކޮޅުއެވެ.

ކޯވިޑުގެ ނުރައްކަލުގެ ރަނގަބީލު އެންމެ ގަދަވެގެން ދިޔަ ދުވަސްވަރުގައިވެސް ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާއި މަޝްވަރާގެ މަތީން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ދިޔައީ ބަލީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ކޯވިޑްގެ ގޮންޖެހުންތަކާއެކު އެހާލަތުން އަރައިގަތުމަށް ބޮޑެތި މަޝްރޫޢުތައް އަވަހަށް ފެށުމަށް ސަރުކާރުގެ ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ. ކޯވިޑުން ރާއްޖެ އަރައިގަތުމަށް ކުރި މައްސަކަތާއި ހޯދި ކުރިއެރުމަށް ބައިނަލްޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ ރާއްޖެއަށް ތައުރީފްކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދުކޮށް ފަތުރުވެރިންނަށް ޚިދުމަތްދެމުންދިޔަ ހުރިހާ ރިސޯޓްތަކެއް ބަންދުކުރަން ޖެހުނެވެ. ކޯވިޑް-19 ފެތުރުން ރާއްޖޭގައި ހުއްޓުވުމުގެ ގޮތުން ބޯޑަރުވެސް ބަންދުކުރިއެވެ. ބޯޑަރު ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.

110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ ހަމަ އެ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލީ ވަކި ޚާއްސަ ގައިޑްލައިންއަކާއި އެކުގައެވެ. މި ގައިޑްލައިނަށް ފުރިހަމައަށް އަމަލްކޮށް ރާއްޖެ ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްފައެވެ. ކޯވިޑަށްފަހު ރާއްޖޭގެ އިޤްތިޞާދު އިހުގެ ހާލަތަށް ދަނީ އިއާދަވަމުންނެވެ.

ކޯވިޑަށްފަހު ބައްދަލުކުރީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރެވެ. މި ދިޔައަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރެއެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރުނު އަހަރެއެވެ. ކޯވިޑުގެ އަހަރާއެކު ރާއްޖެއިން ވަނީ ޖެހިޖެހިގެން 3 އަހަރު ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލް ނުވަތަ ވޯލްޑް ބެސްޓް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑުވެސް ހާސިލްކޮށްފައެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ ފާހަގަކޮށްލެވޭ އެތައް އެވޯޑެއް ރާއްޖެއިން ދަނީ ހާސިލްކުރަމުންނެވެ.