ޚަބަރު

ހަކުރު ބައްޔަށް ސްކްރީން ކުރުމަށް ހުޅުމާލޭގައި ޚާއްޞަ ހަރަކާތެއް


  • ހަކުރު ބައްޔަށް ޓެސްޓުކޮށް ބައްޔާގުޅޭ މަޢުލުމާތު ދީފައިވޭ

  • އެކި ދުވަސްތަކުގައި މި ޕްރޮގްރާމް ހިންގާނެ

  • ރާއްޖޭގައި ގައިންގަޔަށްނާރާ ބަލިތަކުން އެންމެ ގިނަ އެއްބަޔަީ ހަކުރު ބަލި

  • ރާއްޖޭގެ %14 މީހުން މި ބަލި ތަހައްމަލުކުރޭ

  • ދުނިޔޭގެ ކޮންމެ 10 އިން 1 މީހަކީ ހަކުރުބަލީގެ މީހެއް

ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ކުރިއަށް ގެންގޮސްފިއެވެ. މި ސްކްރީނިން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.

ހަކުރު ބަލި ދެނެގަތުމަަށް ކުރިއަތް ގެންދިޔަ ހަރަކާތާ ގުޅޭ ގޮތުން ޕީއެސްއެމްނިއުސްއާއި ވާހަކަ ދައްކަމުން ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ، އައިޝަތު ޝިރުހާނާ ވިދާޅުވީ، މި ހަރަކާތަކީ ހަކުރު ބައްޔާއި ހަކުރު ބަލި އަވަހަށް ދެނެގަތުމާއި، ބައްޔަށް މަގުފަހިވާ ކަންކަން ހުރީ ކިހިނެތްތޯ ބެލުމަށް ކުރިއަަށްގެންދިޔަ ހަރަކާތެއްކަމަށެވެ.

ޝިރުހާނާ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ބަލިން ރައްކާތެރިވުމާއި، ބައްޔާއެކު އާންމު ދިިރިއުޅުން ބައްޓަން ކުރާނެ ގޮތްތަކަށް ކިޔައިދީފައިވާކަމަށެވެ. މި ހަރަކާތުގައި ހަކުރު ޓެސްޓް ކުރުމާއި، ބަރުދަން ބެލުމާއި، ލޭގެ ޕްރެޝާރ ބެލުމުގެ އިތުރުން ސަރުބީ ހުރި މިންވަރުވެސް ދެނެގަތުމުގެ ފުރުސަތުވެސް ޢާންމުނަށް ދީފައިވެއެވެ.

ޝިރުހާނާ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ހަކުރު ބަލި ނުވަތަ ގައިންގަޔަށް ނާރަ ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ކިހާވަރަށްތޯ ބަލައި، ރައްކާތެރި ވޭވެނެ ގޮތްތަކާއި ގުޅޭގޮތުން ކަމާ ބެހޭ މާހިރުންގެ އިރުޝާދު ދީފައިވާކަމަށެވެ.

އޭނާ ވަނީ، ދުނިޔޭގެ ހަކުރު ބަލީގެ ދުވަހަށް ތައްޔާރު ވުމުގެ ގޮތުން ކުރިއަތް މި ގެންދާ ހަރަކާތް ތަކުގެ ތެރެއިން އޮފީސް ތަކުގެ މުވައްޒަފުން ސްކޜިންކުރުމަށް ހަރަކާތްތަކެއް ކުރިއަަށް ގެންދާނެކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިހާރުވެސް މި ދަނީ ބައެއް އޮފީސްތަކާއި ގުޅިގެން އޮފީސް ސްޓާފްތަކާއި މިހަރަކާތް ކުރިއަތް ގެންދަމުން. އަސްލު 14 ނޮވެމްބަރަކީ ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް އެގޮތުން އެ ދުވަހު މާރުކޭޓް ސަރަހައްދުގައި މި ހަރަކާތް ހިނގާނަން. ވަރަށް ގިނަ ބޭފުޅުންތަކެއް ތިއްބަވާނެ. ގިނަ މީހުންނަކީ ގިނަ ފަހަރަށް މި ކަހަލަ ފުރުސަތުތަކެއް ނުލިބޭނެ މީހުން. އެހެންކަމުން މި ފަރާތްތަކަށް ހުޅުވާލާގެން މި ހަރަކާތް ކުރިއަތް ގެންދެވޭނެ 14 ނޮވެމްބަރުގައި" ޝިރުހާނާ ވިދާޅުވިއެވެ.

ޝިރުހާނާ ވިދާޅުވީ މި ހަރަކާތް ކުރިއަތް ގެންދަނީ އެޗްޕީއޭ، ޓްރީޓޮޕް ހޮސްޕިޓަލް، އެޗްޑީސީ އަދި ޑަބްލިއުއެޗްއޯގެ އެހީއާއި އެކުކަމަށެވެ.

ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަކުރެވޭނެ ބައްޔެއް ނޫންނަމަވެސް، ކޮންޓްރޯލްކޮށް ބަލީގެ ގެއްލުން ކުޑަކުރެވިދާނެ ބައްޔެކެވެ. ބަލި ކޮންޓްރޯލްކުރުމަށްޓަކައި ހަކުރާއި ކާބޯހައިޑްރޭޓްސް ބޭނުންކުރާ މިންވަރު މަދުކޮށް ވިޓަމިނާއި ޕްރޮޓީންގެ ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުން މުހިންމެވެ. އަދި ޤަވާއިދުން ބޭސް ބޭނުންކުރުމާއި، ކަސްރަތުކުރުމާއި، ފިކުރު ބޮޑުވުމާއި ހާސްކަމުން ދުރުހެލިވުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުން ހިމެނެއެވެ.

އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަންގެ 2023 ވަނައަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ކޮންމެ 10 މީހަކުން 1 މީހަކީ ހަކުރުބަލީގެ މީހެކެވެ. މީގެ ތެރެއިން %90 މީހުން ތަހައްމަލު ކުރަމުންދަނީ "ޓައިޕް 2 ޑައިބެޓީސް" އެވެ. ގައިންގަޔަށް ނާރާބަލިތަކުގެ ހިރާސްތައް ރާއްޖާގައި ހުރި މިންވަރު ދެނެގަތުމަށް ހެދިފައިވާ ސްޓެޕް ސާރވޭ 2020-2021 އިން ދެއްކި ގޮތުގައި ރާއްޖޭގެ އާބާދީގެ %14 މީހުންނަށް ހަކުރުބަލި ޖެހިފައިވާކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ކޮންމެ އަހަރެއްގެވެސް 14 ނޮވެމްބަރަކީ ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަން (އައި.ޑީ.އެފް) އިން މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ހިރާސްތައް ދެނެގަނެ، ފިޔަވަޅުއަޅަމާ" މި ޝިއާރެވެ.