ސިޔާސީ

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންގޮސްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މުޙައްމަދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަ އަނބުރާ ގެންދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަން ވަނީ ރިޔާސަތުން އިޢުލާންކުރައްވާފައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް 19 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށައެޅީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ރިޔާސަތުން މިއަދު ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔައީ މި މައްސަލަ ހުށައެޅުއްވި 19 މެމްބަރުންނާއި އިތުރު 2 މެމްބަރުންގެ ސޮޔާއެކު ހުށައެޅުމުންކަމަށެވެ. މަޞީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ މި ގެންދިޔައީ އިތުބާރުނެތްކަމުގެ ނޯޓިސް މެމްބަރުންނަށާއި، މަޞީހަށް ފޮނުއްވާފައިވަނިކޮށެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔަ ސަބަބެއް އެމްޑީޕީން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިދިކޮޅު މެމްބަރުން ހުށައެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލާގައި ބަޔާންކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމަށް ވީހިނދު މަޖިލީހުގެ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މަޖިލީހުގެ ޤަވާޢިދުގައި ތަފްޞީލްކޮށް ބަޔާންކޮށްފައިވާއިރު މަޖިލީހުގެ ރައީސް ތަކުރާރުކޮށް އެ ޤަވައިދާ ޚިލާފުވެފައިވާކަމަށެވެ.

މިމައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅިވީ، އެޕާޓީން އެންޑޯޒްކޮށްފައި ވަނިކޮށް މަޖިލީހުގެ ރައީސް މަޤާމުން ވަކިނުކުރެވޭނެ ކަމަށެވެ. މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ. ނަމަވެސް ސަރުކާރު ކޯލިޝާންގައި ހިމެނޭ ޕީޕީއެމާއި، އެމްޑީއޭގެ، މެމްބަރުންގެ ޢަދަދު 52 އަށް އަރައެވެ.