އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރުމުގެ ރަސްމިއްޔާތުގައި 1000 ޢާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް ނިންމަވާފައިވާކަމަށް،އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު، ހަވީރު 04:45ގައި ޖުމްހޫރި މައިދާނުގައެވެ.
މި ރަސްމިއްޔާތުވެގެންދާނީ ދަޢުވަތުދީގެން އެންމެ ގިނަ މެހުމާނުން ބައިވެރިވެވަޑައިގަންނަވާ ހުވާކުރުމުގެ ރަސްމިއްޔާތަށެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ނައިބް ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރައްވާ ރަސްމިއްޔާތަށް 3500 އެއްހާ މީހުންނަށް ދަޢުވަތު ދެއްވުމަށް ވަނީ ނިންމަވާފައެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިއިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ދަޢުވަތުދެވިގެން ވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން، 1000 އާއްމު ރައްޔިތުންނަށް މި ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމަވާފައިވާކަމަށެވެ. ހުވާކުރެއްވުމުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އިންތިޚާބީ ރައީސް ނިންމެވި އެންމެ ބޮޑު ސަބަބަކީވެސް، ޖަލްސާގައި ވީހާވެސް ގިނަ އާއްމުންނަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވުންކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.
"އެނގިވަޑައިގަންނަވާނެ ޙާއްސަ ދަޢުވަތު އެރުވިގެން 3500 ބޭފުޅުން ޖަލްސާގައި ބައިވެރިވެވަޑައިގަންވާ. މީގެއިތުރުން އާއްމުންނަށް ފުރުޞަތު ދިނުމަށް، 1000 ރައްޔިތުންނަށް ޖަލްސާފަިއ ބައިވެރިވުމުގެ ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ވަނީ ނިންމާފައި." ފިރުޒުލް ވިދާޅުވިއެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް، ޓެންޑަރ ބޯޑުން ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއަރ ކުންފުނި ސިވެކްއާއެވެ. މި މަސައްކަތް ހަވާލުކުރީ 22.9 މިލިއަން ރުފިޔާއަށެވެ.
ފިރުޒުލް ވިދާޅުވި، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައޔިތުންގެ މަޖިލީހުން ކަނޑައެޅުއްވީ 29 މިލިއަން ރުފިޔާކަމަށެވެ. ނަމަވެސް މިކަމުގެ ޚަރަދު ކުޑަކުރެއްވުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާތީ، އެ އަދަދު 22.9 މިލިއަން ރުފިޔާއަށް ކުޑަކުރެއްވުމަށް މަޖިލީހުން ފަހުން ނިންމެވީކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ހުވާ ކުރައްވާ ދުވަހު މޫސުން ގޯސްވެއްޖެނަމަ، އެޖަލްސާ ރައްޔިތުންގެ މަޖިލީހަށް ބަދަލުކުރައްވަން ވަނީ ނިންމަވާފައެވެ.