މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުވެފައިވާތީ، ބަލިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭއިން) އިލްތިމާސްކުރައްވައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ، މިއަހަރުގެ ޖުލައި މަހާއި ހަމައަށް ޑެންގޫގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް މަޑުޖެހިފައި އޮތުމަށްފަހު ވޭތުވެދިޔަ މިމަހުގައި ޑެންގީގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.
އެޗްޕީއޭއިން ވިދާޅުވީ، މިދުވަސްވަރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ހއ.އަތޮޅުންކަމަށެވެ. އޮކްޓޫމަބަރު މަހު އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ ހުޅުމާލެއިންނެވެ. އެގޮތުން ހުޅުމާލެއިން 97 މީހަކަށް ބަލި ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މާލެއިން 40 މީހުންނަށް އަދި ހއ.އަތޮޅުން 37 މީހަކަށް ބަލިޖެހިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
- އޯގަސްޓު މަހު - 58 ކޭސް
- ސެޕްޓެމްބަރު މަހު - 39 ކޭސް
- އޮކްޓޫބަރު މަހު - 252 ކޭސް
އެޗްޕީއޭއިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް ޖުމްލަ 20971 މީހުންނަށް ޑެންގީ ޖެހިފައިވާކަމަށެވެ. މީގެތެރެއިން 2078 ކޭހަކީ އަތޮޅުތެރޭގެ ރައްތަކުގައި ޑެންގީ ޖެހިގެން ރިޕޯޓުކޮއްފައިވާ ކޭސްތަކެއް ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ އަދި 893 ކޭސް ރިޕޯޓުކޮށްފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭއިން ވަނީ ކުރިއަށް އޮތް ތަނުގައިވެސް ޑެންގީގެ ކޭސްތަށް އިތުރު ވެދާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މަދިރި އުފެދޭ ތަންތަން ނައްތާލައި، މަދިރިން ސަލާމަތްވެ ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ޑެންގީއަކީ އީޑީޒް މަދިރިން ޖައްސާ، ނުރައްކާތެރި ހުމެކެވެ. ޑެންގީގެ އިތުރުން ޗިކަންގުންޔާ އަދި ރީނދޫ ހުންވެސް ޖައްސަނީ ހަމަ މި މިމަދަރިއެވެ.
ޑެންގީ ޖެހޭ މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ އެންމެ 25 ޕަސެންޓް މީހުންގެ ކިބައިންނެވެ. ޑެންގީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާ، ގަދައަށް ބޮލުގަ ރިއްސުމާ، މަސްތަކާ ހުޅުތަކުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. ޑެންގީ ހުން ޖެހި، ސީރިއަސް އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުން ލޭ އައުމާ، ނޭވާލާން ދަތިވުމާ، އެތެރެ ހަށީގެ ގުނަވަންތައް ފެއިލްވުން ހިމެނެއެވެ.
މިދިޔަ އަހަރުގައި ޑެންގޫގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓް ކޮއްފައި ވަނީވެސް އޮކްޓޯބަރު މަހުގައެވެ. މިގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ޖުމްލަ 660 ކޭސް ވަނީ ރިޕޯޓް ކޮއްފައެވެ.