އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން އެމީހުންނަށް ޚާއްސަކޮށް ތިބެވޭނެ ތަނެއް ޤާއިމްކުރުން މުހިންމުކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ އެންޓި ހިއުމަން ޓްރެފިކިން އާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ފަށްތަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ އިންސާނީ ވަގުފާރީގެ ކަންކަމުގައި ކާމިޔާބު އަދި ދެމެހެއްޓެނިވި މަސައްކަތުގެ އެންމެ މުހިންމު އެއް ބިންގަލަކީ ވުޒާރާތަކާއި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ މީހުން ނަހަމަ ގޮތުގައި މުޖުތަމައުގައި ލިބެން ހުންނަ ވަސީލަތްތައް ބޭނުންކުރަމުން ދާކަމަށެވެ.
މާރިޔާ ވިދާޅުވީ އިންސާނީ ވަގުފާރީގެ މައްސަލަތަކަކީ ޤާނޫނުގެ ތެރެއިން ޙައްލު ގެނެވެންޖެހޭ މައްސަލަތަކެއްކަމަށެވެ. އަދި އެފަދަ މައްސަލަތައް ހަލުކުރުމަށް ދައުލަތުގެ އިދާރާތަކުގެ މެދުގައި ގުޅުން ރަނގަޅު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓާނެ ތަނެއް ކުރިމަގުގައި ގާއިމްކުރަންޖެހޭކަމަށެވެ.
"ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބިނާވެފައިވާ އިގްތިޞާދަކަށްވާތީ، އަޅުގަނޑުމެންގެ އިމިގްރޭޝަންގެ ކަންކަން ބާއްވަން ގިނަ ފަރާތްތަކުން ބޭނުންވަނީ ވަރަށް ފަސޭހަކޮށް، ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ބޯޑަރއެއް އަޅުގަނޑުމެންގެ މި އޮންނަނީ. އެހެންވީމާ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން ރާއްޖެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮވެދާނެ." މާރިޔާ ވިދާޅުވިއެވެ.
އިންސާނީ ވަގުފާރީގެ މައްސަލަތައް ހައްލުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އިންސާނީ ވަގުފާރިއަކީ ކޮބައިކަމާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކުން ދެނެގަތުމާއި، އެމީހުންނަށް އެހީތެރިވެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމެވެ. އަދި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާމެދު ސީދާގޮތުން މަސައްކަތުގައި އުޅޭފަރާތްތަކާއެކު މަޝްވަރާކޮށް އިތުރަށް ހޭލުންތެރިވެ މިހާރަށްވުރެ މަސައްކަތް ހަރުދަނާ ކުރެވޭނެ ގޮތްތައް ހޯދާ ދެނެގަތުމަކީވެސް މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދެކެވެ.
ޑިފެންސް މިނިސްޓަރ ވަނީ މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން އިންސާނީ ވަގުފާރީގެ މައްސަލަތައް މަދުކުރެވި، ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެނުންކަމަށް ވިދާޅުވެފައެވެ. އަދި ލާއިންސާނީ އަމަލުތައް މުޖުތަމައުގައި މަދުކުރުމަށް މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން މަގުފަހިވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.