ރައްޔިތުންގެ މަޖިލީހުގައި އަންހެން މެންބަރުންގެ ޢަދަދު އިތުރުކުރެއްވުމަށް ބާރު އެޅުއްވުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ހޮވޭ އަންހެން މެންބަރުންނަށް ޚާއްޞަ އެލަވެންސެއް ދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް ވަނީ އަންނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ވާދަކުރެއްވުމަށް ބާރުއަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
އިންތިޚާބީ ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއްކަމަށެވެ. މިގޮތުން، ޕީޕީއެމް/ޕީއެންސީން މަޖިލީހުގެ މަދުވެގެން %20 ގޮނޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ، ހޮވުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި އެކަމަށް ހިތްވަރު ދެއްވުމުގެ ގޮތުން، ޕީޕީއެމް/ޕީއެންސީން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، އަންނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބަށް އަންހެން ބޭފުޅުން ނެރުމަށް ހިތްވަރު ދޭންޖެހޭކަމަށާއި، އެކޯލިޝަންގެ ޕްރައިމަރީގައި ވީހާވެސް ގިނައިން އަންހެނުން ބައިވެރިކުރަން މަސައްކަތްކުރައްވާނެކަމަށެވެ. އެމަނިކުފާނު ވަނީ އަންނަ މަޖިލީހުގައި ވީހާވެސް ބޮޑަށް ރައްޔިތުން ބަލައިގަންނަ މީހުންނަށް ފުރުޞަތު ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ. އަދި މަސައްކަތްކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދެވުމަށްކަމަށްވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅު ނުވަތަ މެއި މަހުގެ ކުރީކޮޅުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ 4 އަންހެން މެންބަރުންނެވެ.