ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ މަންޒަރުތައް ހިމެނޭހެން ފަރުމާކޮށްފައިވާ އައު ކާޑު ރޭންޖެއް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ތަޢާރަފްކޮށްފިއެވެ.
އަލަށް ތަޢާރަފްކުރި ކާޑުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ "ރާއްޖޭގެ ގުދުރަތީ ރީތިކަން މި ކާޑުތަކުގެ ޒަރީޔާއިން ދައްކުވައިދިނުމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ރީތި، ނަމަވެސް ނާޒުކު ވެށި ހިމާޔަތްކުރުމަށް ކަސްޓަމަރުން މެދުގައި ޒިންމާދާރު ކަމުގެ އިހުސާސް އުފެއްދުމަށް އެހީވެދޭނެ ކަމެއްކަމަށެވެ.
ސްޓުމްކަ ވިދާޅުވީ އަލަށް ތަޢާރަފް ކުރެވުނު ކާޑުތައް ޑިޒައިން ކުރެވިފައިވަނީ ރިސައިކަލް ކުރެވިފައިވާ ޕްލާސްޓިކުގައި ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މިއީ ބޭންކުން ކުރާ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން އިންތިޒާމު ކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ މި ކާޑުތަކަކީ ބަލާލަން ރީތިވުމުގެ އިތުރުން ދުނިޔޭގެ ތިމާވެއްޓާއި ރައްޓެހި އަދި ރައްކާތެރި ކާޑު ތަކެއް ކަަމަށެވެ.
ބީއެމްއެލުން ތަޢާރަފްކުރި ކާޑުތަކުގައި ބޭނުންކޮށްފައިވާ ރާއްޖޭގެ ފޮޓޯގުރާފަރުން ނަގާފައިވާ ފޮޓޯތަކުން ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުން ފާހަގަކުރެވޭ ރެދަން އަދި މުރަކައިގެ ރީތި ގުދުރަތީ މަންޒަރުތަކެވެ. މި ކާޑުތަކުގައި އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ހުނަރުވެރި ފޮޓޯގުރާފަރުން ނަގާފައިވާ ކުރެހުންތަކަށް ބިނާކޮށް ފަރުމާކޮށްފައިވާ ކާޑުތަކަކަށްވުމާއި، މި ކާޑުތައް ފަރުމާކުރުމުގައި ބޭނުންކުރެވިފައިވަނީ ރިސައިކަލްޑް މެޓީރިއަލްސްއަށް ވުމާއެކު ތިމާވެއްޓަކަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ މަގު ތަނަވަސްވެގެންދިއުން ހިމެނޭ ކަމަށް ބީއެމްއެލުން ފާހަގަކުރެއެވެ.
އަލަށް ކާޑު ހެއްދުމަށް ހުށައަޅާ ފަރާތްތަކަށާއި ކާޑު ގެއްލިގެން ނުވަތަ އެހެން ސަބަބަކާއި ގުޅިގެން ކާޑު ރިޕްލޭސްމެންޓަކަށް އެދި ހުށައަޅާ ފަރާތްތަކަށް މި އައު ޑިޒައިންތަކުގައި ފަރުމާކުރެވިފައިވާ ކާޑުތައް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
އައު ޑިޒައިން ތަކަކީ ބޭންކުގެ މާސްޓަރކާޑުގެ ޑެބިޓް / ކްރެޑިޓް ކާޑު އަދި ވިސާ ކާޑަށް ތައާރަފްކުރި ޑިޒައިންތަކެއް ކަމަށް ބީއެމްއެލުން ބުންޏެވެ. އޮކްޓޯބަރ 18 އިން ފެށިގެން ބީއެމްއެލްގެ ވިސާ ކްރެޑިޓް ގޯލްޑް ކާޑާއެކު އަލަށް ތަޢާރަފުކުރި ކާޑުތައް ދޫކުރާނެކަމަށް ބީއެމްއެލުން ހާމަކުރެއެވެ.