ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށް، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ރޭޓިން އެއް ވަރެއްގައި ދަމަހައްޓައިފިއެވެ. އެއީ "ބީ މައިނަސް" އެވެ. ފާއިތުވި 2 އަހަރުވެސް ފިޗުން ރާއްޖެއަށް ދީފައިވަނީ "ބީ މައިނަސް" ރޭޓިންއެވެ.
ކްރެޑިޓް ރޭޓިންގ ތައްޔާރުކުރުމުގެ ދުނިޔޭގެ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރެއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޫޑީސް އިންވެސްޓަރސް ސަރވިސް އާއި ފިޗް ރޭޓިންގސް އަށެވެ. މި ދެ ކުންފުނިން ދަނީ ކޮންމެ އަހަރަކު ރާއްޖެއާއި ގުޅޭ ގޮތުން އާންމުކޮށް ލިބެން ހުންނަ ތަފާސް ހިސާބާއި މަޢުލޫމާތުގެ އިތުރުން، ރާއްޖެއަށް ޒިޔާރާތްކޮށް، ކަމާބެހޭ އިދާރާތަކާއި، ރާއްޖެއާ ގުޅުންހުރި ބޭރުގެ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ހޯދަމުންނެވެ.
އަހަރަކު އެއް ފަހަރު ރޭޓިން މުރާޖައާކުރާއިރު، ފިޗުން މިހާރު ވަނީ ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ދޭ ރޭޓިން އާންމުކޮށްފައެވެ. އެ އެޖެންސީން ބުނީ ރޭޓިން ދެމެހެއްޓީ، ރާއްޖޭގެ އުފެއްދުންތައް ކުރިއަރާ، ޓޫރިޒަމް ދާއިރާ ފުޅާވަމުން އަންނާތީ ކަމަށެވެ.
ފިޗުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިގްތިޞާދު މި އަހަރު 7.2 ޕަސެންޓުގައި ކުރިއަރާނެއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ އިގްތިޞާދު 6.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
އިގްތިޞާދީ ކުރިއެރުންތަކުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދަށް އޮތް ގޮންޖެހުންތައްވެސް ފިޗުގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އިގްތިޞާދު ކުރި އެރި ނަމަވެސް ދަރަނި އޮތުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް ދަށްވަމުން ދާކަން ވަނީ ފާހަގަކޮށްފައެވެ. ބޭރުން ލޯނާއި އެނޫން ފައިނޭންސިން ހޯދުމަށް ކުރިއަށް އޮތްތަނުގައި އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ފިޗުގެ ރިޕޯޓްގައި ވަނީ ލަފާކޮށްފައެވެ. ސަބަބަކީ އަންނަ އަހަރު ސަރުކާރުން ދައްކަންޖެހޭ 232 މިލިއަން ޑޮލަރުގެ ދަރަންޏާއި، ސަރުކާރުން ގެރެންޓީ ދީފައިވާ 298 މިލިއަން ޑޮލަރު އޮތުމުންނެވެ.
ފިޗުން ބުނީ، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ބޮޑު ކުރުމަށް ކުރިއަށް އޮތްތަނުގައި އިތުރު ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ސަބަބަކީ، އިމްޕޯޓު ކުރުމަށް ޑޮލަރު ބޭނުން ކުރަން ޖެހޭވަރު އިތުރުވުމެވެ. ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ފަތުރުވެރިކަމަށް ބަރޯސާވުމަކީ އިޤްތިޞާދުގެ ނާޒުކުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ފިޗުން ވަނީ ބުނެފައެވެ.
2017 ވަނަ އަހަރުން ފެށިގެން ފިޗުން އަންނަނީ ރާއްޖޭގެ އިގްތިޞާދު ރޭޓު ކުރަމުންނެވެ. ކޮވިޑްގެ ކުރިން ފިޗުން ވަނީ ރާއްޖެ އަށް "ބީ ޕްލަސް" ރޭޓިންއެއް ދީފައެވެ. އަދި އެއަށްފަހު ކޮވިޑާ ގުޅިގެން ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ބަދަލުކުރުމަށް ފަހު 2021 ވަނަ އަހަރު ރާއްޖޭގެ ރޭޓިން "ބީ މައިނަސް" އަށް ބަދަލު ކުރިއެވެ.