ތަޢުލީމު

ހަވަނަ ފިޝް ކޭމްޕް ނިންމާލައިފި


ސްކޫލްތަކުގައި މެރިން ބައޮލޮޖީ ކިޔަވަމުން އަންނަ ދަރިވަރުންނަށް އަމާޒުކުރައްވައިގެން ބާއްވަވާ ފިޝް ކޭމްޕްތަކުގެ މަޤްޞަދު ޙާޞިލްވަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ސ. އަތޮޅު މަދުރަސާގައި ކުރިޔަށްދިޔަ ހަވަނަ ފިޝް ކޭމްޕް އިއްޔެ ވަނީ ނިމިފައެވެ.

ސްކޫލްތަކަށް އަމާޒުކުރައްވައިގެން، ފިޝަރީޒް މިނިސްޓްރީން ކުރިޔަށްގެންދަވާ މި ކޭމްތައް ކުރިޔަށް ގެންދަވަނީ ސްކޫލްތަކުގައި ކޭމްޕްކޮށްގެންނެވެ. އެގޮތުން މެރިން ސައިންސާގުޅޭ މަޢުލޫމާތު ޕްރެޒެންޓޭޝަންގެ އެހީގައި ކުދިންނަށް ފޯރުކޮށްދިނުމާއި އަދި ޕްރެކްޓިކަލް ޙަރަކާތްތަކާއި ތަފާތު ތަޖުރިބާ ހޯދުމަށް ދަރިވަރުން ވަނީ ދަތުރުތަކެއްކޮށްފައެވެ.

ހަވަނަ ފިޝްކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކް ވިދާޅުވީ ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ކުދިންނަށް ހުރީ ވަރަށް ހަނި ފުރުޞަތުތަކެއްކަމަށާއި، ކޭމްޕް ތެރެއިން ދަރިވަރުން ތަޖްރިބާ ހޯދަމުންދަނީ ޢަމަލީ މަސައްކަތަށް ނުކުމެކަމަށާއި، މިހެންކަމުން މި ކޭމްޕުގެ ސަބަބުން ދަރިވަރުންނަށް ހަނިވެފައިވާ ފުރުޞަތުތައް ކުދިންނަށް ފަހިވެގެންދާކަމަށެވެ.

ހަވަނަ ފިޝްކޭމްޕް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ހުޅުމީދޫ ބްރާންޗްގެ މެނޭޖަރ އަބްދުﷲ ޞާލިޙް ވަނީ މި ޕްރޮގްރާމްގެ ހުރިހާ ބައިވެރިން ދިރިއުޅުމަށް މަސައްކަތް ޚިޔާރުކޮށް، ގަދައަޅައި މަސައްކަތްކުރުމަށާއި، މުޖްތަމައު ޤަބޫލުކުރާ ހަރުދަނާ ހެޔޮލަފާ މީހަކަށްވުމަށް ޢަޒުމް ކަނޑައެޅުމަށް ދަރިވަރުންނަށް ނަސޭޙަތްތެރިވެފައެވެ.

ހަވަނަ ފިޝްކޭމްޕްގައި 32 ދަރިވަރަކު ބައިވެރިވެ ކޭމްޕް ފުރިހަމަކޮށްފައިވެއެވެ. އައްޑޫ ސިޓީގެ 4 ސްކޫލަކުން ބައިވެރިވި މި ކޭމްޕް ބާއްވާފައިވަނީ 5 ދުވަހުގެ މުއްދަތަކަށެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެކަޑަމިކް ކަލަންޑަރަށް ބެލުމަށްފަހު މިއަހަރު ތެރޭގައި އިތުރު ދެ ކޭމްޕެއް ބޭއްވެވުމަށް ރާއްވަމުން ގެންދަވާކަމަށެވެ.