މި އަހަރުގެ ބައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަފްތާއެއްގެ މުއްދަތައް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަތް ގެންދާ ހަރަކާތްތައް މިއަދު ފަށައިފިއެވެ. މިހަރަކާތްތައް ފަށާފައިވަނީ މާލޭ ނޯތު ހާބަރުގައި މިއަދު ބޭއްވި ހަފުލާއަކުންނެވެ.
މި އަހަރުގެ ބައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރާގުޅޭ ޝިއާރެއްގެ ގޮތުގައި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ކަނޑައަޅާފައިވަނީ 'މާޕޯލް އެޓް 50 – އަވަރ ކޮމިޓްމެންޓް ގޯސް އޮން' އެވެ.
މެރިޓައިމް ސޭފްޓީ ވީކްގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު ވިދާޅުވީ ކަނޑު ދަތުރުފަތުރުގެ ނިޒާމަކީ ދުނިޔޭގެ އިޤްތިޞާދުގެވެސް މައި ތަނބުކަމަށެވެ. އަދި މުދާ އިންޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމަށް އެންމެ އެދެވިގެން ވަނީވެސް ކަނޑު ދަތުރު ފަތުރުގެ ނިޒާމުކަމަށް ޒުހައިރު ވިދާޅުވިއެވެ. ޒުހައިރު ވިދާޅުވީ މާޕޯލް ފަދަ މުއާހަދާތަކަށް ޚާއްސަ އިސްކަމެއް ދީގެން ތަންފީޒު ކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމުކަމެއްކަމަށެވެ.
" މިކަމުގައި އެންމެ މުހިންމުކަމަކީ އެންމެން ގުޅިގެން ހެދިފައިވާ ގަވާއިދުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމާއި އަހުލުވެރި ކުރުވުން. މި ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭން ޖެހޭ އެއްބަޔަކީ މިސިނާއަތުގެ އެންމެ މުހިންމު އެތް ހަރުފަތްކަމުގައިވާ މިސިނާއަތުގައި މަސައްކަތް ކުރާ ބޭފުޅުން" ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު ވިދާޅުވިއެވެ.
މިހަފްލާގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑިރެކްޓަރ، ކޯސްޑްގާޑް މުހައްމަދު ރިޒްމީ ވަލީދު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކުން ޚާއްސަކޮށް 99.9 ކަނޑުގެ ސަރަހައްދު އޮންނަ ގައުމަކުން ކަނޑު ދަތުރު ފަތުރު ކުރުމުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް އެކަންކަމަށް ސަމާލުވެ ތިބެ ދަތުރުކުރުމަކީ ވިސްނަންޖެހޭ ކަމެއްކަމަށެވެ. އެހެންކަމުން ކަނޑުމަތީގައި ދިމާވެދާނެ ހާދިސާތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ތަފާތު އެކި ތަމްރީނުދީ ގުޅުން ހުރި ފަރާތްތަކާއި ބައްދަލުކޮށް ރައްކާތެރިވުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުން ދާކަމަށް ރިޒްމީ ވިދާޅުވިއެވެ.
" ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މިފަދަ ކަމެއް ދިމާވެއްޖެނަމަ ހަރަކާތްތެރި ވެވޭނެގޮތަށް އިކުއިޕްމަންޓް އަދި އިންސާނީ ވަސީލަތްތަކަށް ތަމްރީނުކުރެވި މިހާރުވާނީ ގާއިމް ކުރެވިފައި" ޕްރިންސިޕަލް ޑިރެކްޓާރ ކޯސްޑްގާޑް މުހައްމަދު ރިޒްމީ ވަލީދު ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެންޑް ހެޑް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާން އަނީސް ވިދާޅުވީ ކަނޑުދަތުރު ފަތުރުކުރުމުގައި ބޭނުން ކުރާ ވަސީލަތްތަކާއި އުޅަނދު ފަހަރުތަކަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބޭނުން ކުރާ އެންމެ ފަހުގެ އާލާތްތައް ކަމަށެވެ. އެގޮތުން މިފަދަ އާލާތްތައް ބޭނުން ކުރާއިރު އެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ވިސްނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އަދުނާން ވިދާޅުވިއެވެ.
" ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން މެރިން ޕޮލިހުން މިދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން. މިހާރު އަޅުގަނޑުމެންގެ މަސައްކަތް މިއޮތީ މާލެއާއި މާލެ ވަށައިގެންވާ ސަރަހައްދުތަކުގައި އެކަންޏެއް ނޫން. ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މެރިން ޕޮލިސްގެ ހަރަކާތްތައް ގިނަގުނަ" ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެންޑް ހެޑް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާން އަނީސް ވިދާޅުވިއެވެ.
މެރިޓައިމް ސޭފްޓީ ވީކްގައި ކުރިއަށްގެންދާ ހަރަކާތް ތެރޭގައި އެންމެ އިސްކަމެއްދީގެން މާލޭ ނޯތު ހާބަރަށް އަންނަ މުދާ އުފުލާ އުޅަނދުފަހަރުގައި ހުރުން ލާޒިމްވާ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭކަންކަން އުޅަނދުފަހަރުގައި ފުރިހަމަ ކުރެވިފައި ހުރިކަން ޔަގީންކޮށް ބަލައި ޗެކްކޮށް، އެ އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. އެގޮތުން ދެވޭ މައުލޫމާތު ތަކުގެ ތެރޭގައި މިއަހަރުގެ މެއި 19 ގައި އަމަލުކުރަން ފެށި "ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާއުފުލުމާއި ގުޅޭ ގަވާއިދު" ގައި ހިމެނޭ ކަންކަން ހިމެނޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ހަމައެހެންމެ އުޅަނދުފަހަރަށް އަރުވާ މުދަލާއި އުޅަނދުފަހަރުގެ ރައްކާތެރިކަމަށްޓަކައި އިންޝުއަރެންސުން އަދާކުރާ ދައުރު ބުނެދިނުމަށްޓަކައި އަމާނާ ތަކަފުލްއިން އިންޝުއަރެންސްގެ ބޭނުންތެރިކަމާއި އިންޝުއަރެންސް ނެގުމުގައި ގެންގުޅެންޖެހޭ ގޮތްތައް ބުނެދީ މިކަމަށް އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި ސަލާމަތާގުޅޭ މައުލޫމާތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ކަމާބެހޭ ބޭފުޅުން ނޯތު ހާބަރުގައި ދެމުން ގެންދާނެއެވެ.
މީގެ އިތުރުން މާލޭ ސަރަހައްދުގައި އޮޕަރޭޓްކުރާ ދަގަނޑު އުޅަނދުފަހަރުން މުދާ އުފުލުމުގައި ގެންގުޅެން ލާޒިމްވެފައިވާ މާޕޯލް ކޮންވެންޝަންގެ އެނެކްސް 6 ގައި ހިމެނޭ ކަންތައްތަކަށް ބަލއި އެއުޅަނދުފަހަރުގެ ވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ތެޔޮ އުފުލާ އުޅަނދުފަހަރަށް ލާޒިމްވެފައިވާ ކަންކަން ބުނެދިނުމަށްވެސްވަނީ ހަމަޖެހިފައެވެ.
މެރިޓައިމް ހަފްތާ ނިންމުގެ ގޮތުން މާލޭ ނޯތު ހާބަރު އަދި ހުޅުމާލެ ހާބަރު ސަރަޙައްދުގައި 14 އޮކްޓޫބަރުގައި ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ކޯސްޓްގާޑާއި، އެޗް.ޑީ.ސީއާއި އަމާނާތަކަފުލްއާއި މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަންއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ގުޅިގެން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގުރާމެކެވެ.