ޚަބަރު

ޕީޖީން އެދިގެން ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުން މިއަދުވެސް ކެންސަލް


  • އަޑުއެހުން ކެންސަލްކޮށްފައިވަނީ ޕީޖީގެ އެދުމުން

  • ޝަރީޢަތް ތަޢާވަލުކޮށްފައި އޮތީ 14:00އަށް

  • ރައީސް ޔާމީން ވަނީ މިހާރު ގެއަށް ބަދަލުކުރައްވާފައި

  • އަޑުއެހުންތައް ނިމޭނެ ދުވަހެއް އަދި ނޭނގޭ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދިވަޑައިގަތުމަށް މިއަދުވެސް ކެންސަލް ކުރައްވައިފިއެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް އިވާފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުގައި ތަޢާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 02:00އަށެވެ. ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމުގެ އިތުރުން ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެފައިވާ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފްވެސް ވަނީ ޕީޖީން އެދިވަޑައިގަތުމުން ވަނީ ކެންސަލް ކޮށްފައެވެ.

މީގެ ކުރިން ބާއްވަން އުޅުން ރައީސް ޔާމީންގެ ޝަރީޢަތްވެސް ޕީޖީން އެދިވަޑައިގެން ކެންސަލް ކުރައްވާފައިވެއެވެ.

މިއަދުގެ އަޑުއެހުން ކެންސަލް ކުރަން ޕީޖީން އެދިވަޑައިގަތީ، ކޯޓަށް ވަޑައިގަންނަވާ ވަކީލުންނަށް ހާޒިރުވެވަޑައިގެންނެވެން ނެތުމުންނެވެ. ޕީޖީ އޮފީހުން ވިދާޅުވީ ޝަރީޢަތް ކެންސަލް ކުރުމަށް އެދިވަޑައިގަތީ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގައި މިހާރު ކުރިއަށްދަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ދެ ޙުކުމުގެ ތެރެއިން މަނީ ލޯންޑަރިންގެ މައްސަލައެވެ. އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ފަނޑިޔާރުންނާއި ވަކީލުން ސުވާލުކުރުމުގެ މަރުހަލާއެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބީއާއެކު، އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމަށް ރައީސް ޔާމީން ވަނީ ގެއަށް ބަދަލުކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ.