ޚަބަރު

ޕާކިސްތާން އަދި ބަންގްލަދޭޝްގެ ސަފީރުންނާއި އިންތިޚާބީ ރައީސް ބައްދަލުކުރައްވައިފި


  • ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެއްވި

  • އައު ސަރުކާރަށް އެއްބަރުލުން ދެއްވާނެކަމުގެ ޔަޤީންކަންދެއްވި

  • ރާއްޖޭގެ ތަރައްްޤީގައި ބައިވެރިވާނެކަމަށް

ޕާކިސްތާން އަދި ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރާއްޖޭގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުން ގެންދަވަނީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއާއި ބައްދަލުކުރައްވާ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ މަރުޙަބާ ވިދާޅުވަމުންނެވެ. މިގޮތުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައިވަނީ ޑރ.މުޢިއްޒުވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ޕާކިސްތާނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި ޕާކިސްތާން ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޕާކިސްތާނަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ގުޅިފައިވާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި މިގުޅުންތައް ދަމަހައްޓަވާ ރާއްޖޭގެ ތަރައްޤީއަށޤ ބޭނުންވާ އެހީތެރިކަން އެކި ދާއިރާތަކުން އެންމެ ފުރިހަމަ އެއްބާރުލުން ޕާކިސްތާނުގެ ފަރާތުން ދެއްވާނެކަމުގެ ޔަގީންކަން ސަފީރުވަނީ އަރުވާފައެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް ބަންގްލަދޭޝިއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރިއަރ އެޑްމިރަލް އެސް އެމް އަބްދުލް ކަލާމް އާޒާދުވެސްވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުވަނީ ރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު އެކިދާއިރާތަކުން އުފެދިފައިވާ ގާތްގުޅުން ފާހަގަކުރައްވާފައެވެ. އަދި މިފެށޭ އައު ދައުރުގައި އެގުޅުންތައް އިތުރަށް ހަރުދަނާވެ އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ބަންގްލަދޭޝް ސަފީރުވަނީ ދެއްވާފައެވެ.
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ރާއްޖޭގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފްވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.