މިދިޔަ 5 އަހަރުގެ ތެރޭގައި ބިދޭސީ މުދައްރިސުންނަށް ވުރެ ދިވެހި މުދައްރިސުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުގެ 213 ސްކޫލްގައި ކިޔަވައިދިނުމަށްޓަކައި 10578 މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ބިދޭސީ 1962 މުދައްރިސުންނާއި 8615 ދިވެހި މުދައްރިސުންނެވެ. މީގެ ތެރެއިން 7873 މުދައްރިސުންނަކި ދާއިމީ މުވައްޒަފުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މުދައްރިސުންގެ ގޮތުގައި ހަރަކާތްތެރިވާ އަންހެނުންނަށްވުރެ ފިރިހެނުންގެ ނިސްބަތް މަދެވެ. މިގޮތުން 7866 އަންހެން މުދައްރިސުން ހަރަކާތްތެރިވާއިރު 2712 މުދައްރިސުންނަކީ ފިރިހެނުންނެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ތަޢުލީމީ ދާއިރާއަށް އައި އެންމެ ބޮޑު އެއް ބަދަލަކީ މިދާއިރާއަށް ބިދޭސީ މުދައްރިސުންގެ ބަދަލުގައި ދިވެހި މުދައްރިސުން ނެރުމެވެ.
2014 އަހަރުން 2018 އަށް ރާއްޖޭގައި ތިބީ 1،356 ބިދޭސީ މުދައްރިސުންނެވެ. އަދި އޭރު ތިބީ 4078 ދިވެހި މުދައްރިސުންނެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ބިދޭސީ މުވައްޒަފުންގެ ޢަދަދު ވަނީ 1188އަށް މަދުކޮށްފައެވެ. އަދި ދިވެހި މުދައްރިސުންގެ ޢަދަދު 6598 އަށް ވަނީ އިތުރުކޮށްފައެވެ. މިއީ 2520 ދިވެހި މުދައްރިސުންގެ އިތުރުވުމެކެވެ.
އެޑިއުކޭޝަން މިނިސްޓްރީ ހާމަކުރައްވާގޮތުގައި ޓީޗިން ވޯކްފޯސް ލޯކަލައިޒް ކުރުމަށްޓަކައި ނުވަތަ %100 ދިވެހި މުދައްރިސުންނަށް ހެދުމަށް އިތުރު 2704 މުދައްރިސުން ބޭނުންވެއެވެ.
Call for teachers- join us in nation building! pic.twitter.com/Kx9emEFR0m
— Ministry of Education (@MoEdumv) October 5, 2023
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ތަޢުލީމީ ދާއިރާއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން މުދައްރިސުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލު ފާހަގަކޮށްލެވެއެވެ. އެވްރެޖްކޮށް ކޮންމެ މުދައްރިސެއްގެ މުސާރައިން %65 ބޮޑުވިއެވެ. އެއާއެކު އެވްރެޖްކޮށް މުދައްރިސުންނަށް މަދުވެގެން 20،000 ރުފިޔާގެ މުސާރައެއް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ދިވެހި މުދައްރިސުންގެ އަދަދު އިތުވި މައިގަނޑުސަބަބަކީ ސަރުކާރުންމުދައްރިސުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލެވެ. އެގޮތުން މުސާރަ ކުޑަވެގެން މި ދާއިރާ ދޫކޮށް ދުރަށްދިޔަ އެތައް ބަޔަކު އަލުން އަނބުރާ މި ދާއިރާއާ ގުޅުނެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިދާއިރާއަށް ވަންނަ ދިވެހިންގެ ޢަދަދު އިތުރުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރަށް ތާރީޚްގައި އަލަށް ތަޢުލީމާ ބެހޭ ޤާނޫނެއް އެކުލަވާލާ މުދައްރިސުންގެ ފެންވަރު މަތިކުރުމަށްޓަކައި ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑެއް އެކުލަވާލާ ޓީޗިން ލައިސަންސް އަންނަނީ ދޫކުރަމުންނެވެ. އަދި މުދައްރިސުންނަކީ ފެންވަރު ރަނގަޅު ބައެއްގޮތުގައި ބޭތިއްބުމަށް ތަފާތު ގިނަ ތަމްރީން ޕްރޮގްރާމްތައްވެސް އަންނަނީ ހިންގަމުންނެވެ.