ޚަބަރު

ރާއްޖެއިން ނަގާފައިވާ ލޯނު ދެއްކުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާކުރަން ތައްޔާރު: އިންޑިއާ


  • ރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލުކަމަށް އިޙުތިރާމުކުރައްވާނެކަމުގެ ޔަގީންކަން އިންޑިއާއިންދޭ

  • ނަގާފައިވާ ލޯނުތައް ދެއްކުމަށް ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާކުރަންވެސް ތައްޔާރު

  • ޒަމާންވީ ގުޅުން ދަމަހައްޓަން ދެޤައުމުންވެސް ބޭނުންވޭ

ރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލުކަމަށް ފުރިހަމައަށް އިޙުތިރާމުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ، ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ލޯނުތައް އަދާކުރުމުގައި ފަހިގޮތްތަކެއް ހަމަޖައްސަވައިދެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އިންޑިއާއިން ތައްޔާރުކަމަށް އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

ސަފީރު މިގޮތަށް ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއާއި ބައްދަލުކުރައްވާ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުވަނީ ގިނަ ދާއިރާތަކަކުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއާއި އެކު އޮންނަ ގުޅުމަކީ ސިޔާދަތީ އިޙުތިރާމުގެ އަސާސްތަކުގެ މައްޗަށް އިޢާދަކުރައްވާ ގުޅުމެއްކަމުގައި ހައްދަވާ ޒަމާނުއްސުރެ އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ޚާއްސަ ގުޅުން ހަރުދަނާކުރައްވައި އިތުރު އައު ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ޑރ.މުޢިއްޒުވަނީ ވިދާޅުވެފައެވެ.

އަދި އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމި އެންމެ މުހިއްމު އެއްކަމަކީ ސިޔާދަތީ މުސްތަޤިއްލުކަން ހިމާޔަތްކުރުންކަމަށް ވިދާޅުވެ އެކަމުގައި އިންޑިއާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ޔަޤީންކުރައްވާ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި ހިނގަމުންދާ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވާދެއްވުމަށްވެސް ޑރ.މުޢިއްޒުވަނީ ސަފީރުގެ އަރިހުގައި އެދިވަޑައިގަންނަވާފައެވެ.

އިންތިޚާބީ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރުވަނީ ޑރ.މުޢިއްޒު ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލުކަމަށް ފުރިހަމައަށް އިޙުތިރާމުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ، ސަފީރުވަނީ ރާއްޖެއިން އިންޑިއާއަށް ދައްކަޖެހޭ ލޯނުތައް އަދާކުރުމުގައި ފަހިގޮތްތަކެއް ހަމަޖައްސަވައިދެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އިންޑިއާއިން ތައްޔާރުކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އިންޑިއާ ސަފީރުވަނީ އިންތިޚާބީ ރައީސަށްއަރުއްވާފައެވެ.

އިންޑިއާ ސަފީރާއެކު އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ނައިބު ޙުސެއިން މުޙައްމަދު ލަތީފްވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.