ޤައުމުގައި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ހިންގަމުންކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް އަސްލެއް ނެތް ދޮގުތައްކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދާކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާކަމީ އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އަދި އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ އެންމެހާ ބައިވެރިން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށް އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށްވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައިވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރާގެން އެންޓި ކެމްޕޭނުކޮށް، ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތްކޮށްފައިވާކަމަށެވެ.
"ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއްނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށްނަގަން މަސައްކަތްކުރުމަކީ ވަރަށް ދަަށުދަރަޖައިގެ ފިނޑިއަމަލެއް" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ފަތުރަން ރާވާއިގެން ހިންގާ މިފަދަ ކެމްޕޭނުތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާަތެރި ބާރުތަކުގެ އަތްމައްޗަށް ގައުމުގެ ވެރިކަން ފުރޮޅިގެން ހިނގައިދާނެކަމަށެވެ. އެހެންކަމުން ރާވައިގެން ހިންގާ މިފަދަ ބޮޑެތި ދޮގުތަކާމެދު ރައްޔިތުން ހޭލާތިބުމަށާއި މިފަދަ ދޮގުވެރި ވާހަކަތަކަށް ނުހެއްލުމަށް އިލްތިމާސް ކުރާކަމަށް އެ ބަޔާނުގައިވެއެވެ.