ޚަބަރު

ބާޠިލު ވޯޓު މަދުކުރުމަށް އީސީން ގިނަ ފިޔަވަޅުތަކެއް


  • މިއީ މިހާތަނަށް ބާޠިލް ވޯޓު އެންމެ ގިނަ އިންތިޚާބު

  • ބާޠިލު ވޯޓު މަދުކުރުމަށް ބައެއް ބަދަލުތައް ވަނީ ގެނެސްފަ

  • ފުރަތަމަ ބުރުގަ 4835 ވޯޓު ބާޠިލުވި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއް ކަމަކީ ބާތިލް ވޯޓުގެ އަދަދު އިތުރުވެގެންދިޔަ ދިއުމެވެ. އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ބައެއް ކެނޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ވޯޓަށްވުރެ ބާޠިލް ވޯޓުގެ ޢަދަދު އިތުރެވެ. އެހެންކަމުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޠާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވާއިރު މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ ހުރިހައި ފަރާތްތަކުންވެސް ވިސްނާލުން މުހިންމު ކަމެކެވެ.

ރިޔާސީ އިންތިހާބަކީ ކުރިއަށްއޮތް 5 އަހަރަށް ރާއްޖޭގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބެވެ. ޢުމުރުން 18 އަހަރު ވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިިބިގެންވެއެވެ. އެއީ ޤައުމުގެ މި ބޮޑު ނިންމުން ނިންމުމަށްޓަކައި އެ ފަރާތްތަކަށް ލިބިފައިވާ ޤާނޫނީ ޙައްގެކެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުންހިފައި އެމީހަކަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަންޖެހެއެވެ. އެހެންނަމަވެސް ގަސްތުގައި ވޯޓު ބާތިލްކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ދާއިމީ ނަތީޖާ ދައްކާގޮތުން 4835 ވޯޓަކީ ބާޠިލް ވޯޓެވެ. މިކަމުގެ ކަންބޮޑުވުން އިންތިހާބު މޮނިޓަކުރި އަދި އޮބްޒާވްކުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ފުރަތަމަ ބުރުގައި އިލެކްޝަންސް ކޮމިޝަނަށް ފާހަގަވި ކަންކަމަށް ބަލައި 2 ވަނަ ބުރުގައި ބާތިލް ވޯޓުގެ އަދަދު މަދުކުރުމަށް އެ ކޮމިޝަނުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ބާތިލް ވޯޓެއް ކަމަށް ކަނޑައަޅާ ޝަރުތުތައް:

- އެއްވެސް ފާހަގައެއް ޖަހާފައި ނެތުން
- އެއް ކެނޑިޑޭޓަކަށްވުރެ ގިނަ ކެނޑިޑޭޓުންނާއި ދިމާލުގައި ފާހަގަޖެހުން
- އެއް ކެނޑިޑޭޓެއްގެ ނަމާއި ދިމާލުގައި އެއް ފާހަގައަށްވުރެ ގިނަ ފާހަގަ ޖަހާފައިވުން
- ފާހަގައިގެ އިތުރުން އެއްވެސް ކުރެހުމެއް ނުވަތަ ނިޝާނެއް ނުވަތަ ލިޔުމެއް ހުރުން
- ކަޅު ނުވަތަ ނޫ ފިޔަވައި އެހެން ކުލައެއްގެ ގަލަމަކުން ފާހަގަޖެހުން
- ޖަހާ ފާހަގަ މާބޮޑަށް ފަވާފައި އޮތުން

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ފުރަތަމަ ބުރުގައި ބާތިލް ވޯޓް އިތުރުވި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒުގެ ވެރިންނާއި، އެމީހުންގެ އެހީތެރިންނަށް މިކަމާއި ގުޅޭ ޚާއްސަ ޓްރެއިންތަކެއް ދޭނަ ވަނީ ފަށާފައެވެ. މި ޓްރެއިނިންތަކުގެ ތެރޭގައި ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައަޅާނެ ގޮތާއި ގުޅޭ އިރުޝާދު ދޭކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، ފުރަތަމަ ބުރުގެ ވޯޓު ގުނިއިރު މޮނިޓަރުންނާއި އޮބްޒާވަރުން މަރުކަޒުގެ ވެރިންނަށް ނުފޫޒު ފޯރުވައި ސައްހަ ވޯޓު އަދި ބާތިލް ވޯޓު އެމީހުން ބޭނުންވާގޮތައް ކަނޑައެޅުމަށް މަސައްކަތްކޮށްފައި އެބަހުރިކަމަށެވެ. މިއީ މޮނިޓަރުންނާއި އޮބްޒާވަރުންނަށް ޤާނޫނީގޮތުން ކުރެވޭނެކަމެއް ނޫންކަން ހަބީބު ފާހަގަކުރެއްވިއެވެ.

"މިއީ ވަރަށް ނުރައްކާތެރިކަމެއް. މިއީ ޤާނޫނުގައި މިދެންނެވި ބޭފުޅުންނަށް ލިބިދޭ ހައްޤެއްވެސް ނޫން. ވޯޓު ގުނާއިރު ސައްހަ ވޯޓާއި ބާތިލް ވޯޓާއިމެދު ޝަކުވާ ހުށައެޅުމުގެ ފުރުސަތު ލިބިގެންވާ 2 ފަރާތެއްވޭ. އެއް ފަރާތަކީ ކެނޑިޑޭޓް، ދެ ވަނަ ފަރާތަކީ އެ ބޭފުޅުންގެ ފަރާތުން ތިއްބަވާ މަންދޫބުން." ޙަބީބް ވިދާޅުވިއެވެ."

ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ކޮންމެ ބޭފުޅަކުވެސް ޖަހަންވާނީ އެންމެ ފާހަގައެއްކަމަށް އީސީން ވިދާޅުވެއެވެ. ފުރަތަމަ ބުރުގައި އީސީއަށް ހުށައެޅުނު ޝަކުވާތަކުގެ ތެރޭގައި ފާހަގަޖަހާ ގަލަމުން ކުލަނުހިފުމާއި އަދި ފާހަގަޖަހާ ބޫތު ހުރިގޮތުން ފާހަގަޖަހަން އުނދަގޫވުން ހިމެނެއެވެ. އީސީއިން ބުނީ މިފަހަރު ވޯޓުލާއިރު ފާހަގަޖަހާ ގަލަމުން ރަނގަޅަށް ދެލި ހިނގާނެކަމަށެވެ. ފާހަގަޖަހާ ތަންވެސް ހުންނާނީ ރަނގަޅަށް ފާހަގަޖެހޭނެ ގޮތަށް ޑިޒައިނަށް ބަދަލު ގެނެސްފައިކަމަށް އީސީން ވިދާޅުވިއެވެ އެހެންކަމުން ކޮންމެ ބޭފުޅަކުވެސް އެންމެ ފާހަގައެއް ޖެއްސެވުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަހަރުގެ އިންތިޚާބަކީ، މިހާތަނަށް ބޭއްވި އިންތިޚާބުތަކުގެ ތެރެއިން ބާޠިލު ވޯޓު އެންމެ ގިނަ އިންތިޚާބުވެސްމެއެވެ.

- ރިޔާސީ އިންތިޚާބު 2008 (ފުރަތަމަ ބުރު): 1،861 ވޯޓު ބާޠިލު
- ރިޔާސީ އިންތިޚާބު 2008 (ދެވަނަ ބުރު): 2،235 ވޯޓު ބާޠިލު
- ރިޔާސީ އިންތިޚާބު 2013 (ފުރަތަމަ ބުރު): 2،331 ވޯޓު ބާޠިލު
- ރިޔާސީ އިންތިޚާބު 2013 (ދެވަނަ ބުރު): 2،237 ވޯޓު ބާޠިލު
- ރިޔާސީ އިންތިޚާބު 2018: 3،132 ބާޠިލު ވޯޓު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު 282803 މީހުންނަށް ލިބިގެންވެއެވެ.