ޚަބަރު

އޭވިއޭޝަން ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި


  • އޭވިއޭޝަން ދާއިރާއަކީ ވަރަށް މުހިންމު ދާއިރާއެއްކަމަށް

  • ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެކަމަށް

  • މުސާރަ ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާ ރޭ މާލޭގައި ކުރިއަށްގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ދަޢުލަތުގެ އެކި މަޤާމުތަކުގައި ތިބިމީހުންގެ މުސާރައަށް ހަމަހަމަކަމާއެކު ކުރިއެރުން ހޯއްދަވައިދެއްވާނެކަމަށެވެ. އެގޮތުން ވައިގެ ދަތުރުފަތުރުގެ ދައިރާއަކީވެސް ވަރަށް މުހިންމު ދާއިރާއެއްކަމާށާއި، އެ ދާއިރާގައި އެކި ރޮނގުތަކުގައި މަސައްކަތް ކުރައްވާ އެންމެންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ޕައިލެޓުންނާއި އިންޖިނިއަރުންނާއި، ކުުރޫއިންނާއި އެހެނިހެން މުވައްޒަފުން ހިމެނޭހެން މުސާރަ ބޮޑުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލު ގެނައުމަށް، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ރިވިއުކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށާއި، މުސާރައިގެ ކުރިއެރުން ލަސްތަކެއް ނުވެ ފެންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


"ޕައިލެޓުން، އިންޖިއަނުރުން، އެއަރކްރޫއިންނާއި ހުރިހާ މުވައްޒަފުން ހިމެނޭނެ. ދައިރާގައި މަސައްކަތްކުރާ އެންމެނަށް މުސާރައިގެ ކުރިއެރުން ލިބޭނެކަމުގެ ޔަގީންކަން އަރުވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން ދަޢުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ އިއުލާނުކުރައްވާފައެވެ.

މިދިޔަ ދެ އަހަރުތެރޭ ވަނީ ތަޢުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަވާފައެވެ. އަދި މަޖިލީހަށް ހުށައަޅައިގެން ވަނީ، އެންމެ ކުޑަކޮށް ލިބޭ އުޖޫރަ ނުވަތަ "މިނިމަމް ވޭޖް"ވެސް ކަނޑައަޅުއްވާފައެވެ.

ރައީސް ވިދާޅުވީ، މުސާރައިގެ ކުރިއެރުން ދިނުމުގައި އެއްވެސް ދާއިރާއެއް ބާކީނުކޮށް، އެންމެންނަށް ހަމަހަމަ އުސޫލަކުން އެކަން ކޮށްދިނުމަށް މަސައްކަތްކުރައްވާކަމަށެވެ.