ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދޭނަން: ޑރ.މުޢިއްޒު


  • ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޕީޕީއެމް ސަރުކާރުގައި ވަޒީފާ ދިންކަމަށް

  • ނަމަވެސް މިހާރު އެފުރުޞަތު ނުދޭކަމަށް ވިދާޅުވި

  • ކޮންމެ އަތޮޅެއްގައި އެކުދިންނަށް ތަޢުލީމް ލިބޭނެ ގޮތް ހަދާނެކަމަށް

  • ނަފްސާނީ އިންޓަރނޭޝަނަލް ހޮސްޕިޓަލެއް އަޅުއްވާނެކަމަށް

ޕީޕީއެމްގެ ކުރީގެ ވެރިކަމާއި އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދެއްވާނެކަމަށް ޕީއެންސީގެ ރިޔާސި ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސި އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ.ކަމަދުއަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، އެކުދިންގެ އާއިލާއަށް ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ޚާއްޞަ އިސްކަމެއް ދެއްވިކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންންނަށް ގިނަވަޒީފާތަކެއް ދެއްވިކަން ފާހަގަކުރައްވަމުން މުޢިއްޒު ވަނީ އެފަދަ ކުދިންނަށް މިހާރު ވަޒީފާގެ ފުރުޞަތު މިސަރުކާރުން ނުދެއްވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި އެފަދަ ކުދިންނަށް ވަޒީފާ ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިހާރު އެފަދަ ކަމެއް ނުފެނޭ. އެ ސިިޔާސަތު އަލުން އިޔާދަކޮށް އަޅުގަނޑުމެން ސަރުކާރެއްގައި އެފަދަ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާތައް ދިނުމަށް ސަރުކާރުގެ ހުރިހާ ދިމާލަކުން ފުރުސަތުތައް ހޯދައިދީ، އޯލް އިންކްލޫސިވް ސޮސައިޓީއަކަށް ހަދައިދޭނަން." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާލުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ސްކޫލްތައް ވަރަށް މަދުކަމަށާއި، މިވަގުތު ހުރި ސްކޫލްތަކުގެ ފެންވަރުވެސް ވަރަށް ދަށްކަމަށެވެ. އެކުދިންނަށްވެސް ތަޢުލީމާއި ތަމްރީން ލިބެންޖެހޭކަމަށާއި، އެހެންކަމުން އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވައި، ކޮންމެ އަތޮޅެއްގެ އެއް ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދެވޭނެ ގޮތް ހަމަޖައްސައިދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑައިލިސިސް ހަދަންޖެހޭ ގިނަ ބަޔަކު އަތޮޅުތެރޭގައި ދިރިއުޅެމުންދާކަމަށާއި، އެކަމަށްޓަކައި، ކޮންމެ އަތޮޅެއްގެ މައި ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފަށްޓަވާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ނަފްސާނީ ދުޅެހެޔޮކަން ގާއިމުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގާނޫނެއް އެކުލަވާލާއި، ނަފްސާނީ މައްސަލަތަކަށް ފަރުވާދިނުމަށް އިންޓަރނޭޝަނަލް ހޮސްޕިޓަލެއް ލ.ގަމުގައި އަޅުއްވާނެކަމަށްވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.