މްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ޑީއާރުޕީއާއި، ޕީޕީއެމާއި، ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި މަސައްކަތްކުރެއްވުމަށްފަހު އިލްހާމް އެމްޑީޕީއާއި ގުޅިވަޑައިގަތީ، ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވާ ކެމްޕެއިންގައި އެމްޑީޕީ ހުވަދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.
އިލްހާމް އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އިލްހާމް ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތީ 2009 ވަނަ އަހަރު ޑީއާރްޕީންނެވެ. އިލްހާމް ވަނީ އޭގެ ފަހުން ޕީޕީއެމާއި ގުޅިވަޑައިގެން އެޕާޓީގެ ނާއިބު ރައީސްކަންވެސް ކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީއާއި 2014 ވަނަ އަހަރު ގުޅިވަޑައިގަތުމަށްފަހު ދަނގެތި ދާއިރާގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރައްވާފައިވެއެވެ. އެމްޑީޕީއާއި ގުޅިވަޑައިގަތުމާއި ހަމައަށް ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީކަމުގައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރެއްވުމަށް ނިންމަވާ އިލްހާމް ވިދާޅުވެފައިވަނީ މިދިޔަ 5 އަހަރު ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި އެންމެ ޤާބިލް ބޭފުޅަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުކަމަށެވެ.
އިލްހާމް ވިދާޅުވީ މިދިޔަ ފަސް އަހަރު ޤައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއިއެކު ވެރިކަން ކުރެއްވޭނެކަން އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވާކަމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުޞަތު ދެއްވައިގެންވެސް ވެރިކަން ކުރެވޭނެކަންވެސް ރައީސް ސާލިހު ދައްކަވައިދެއްވާފައިވާކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާއެކު ރައީސް ސާލިހު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.