ލޯކަލް ކައުންސިލްތަކަށް ޚާއްޞަކޮށް އުފައްދަވާނެ މިނިސްޓްރީއަކީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ މަފްހޫމަށް ހިންގަވާނެ ތަނެއް ނޫންކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަމިއްލަ ބައެއް ޓީވީ ޗެނަލްތައް ގުޅިގެން ރޭ ގެނެސްދިން "އާސްކް މުޢިއްޒު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ އެޓޯލްސް މިނިސްޓްރީ އަކީ މާކުރީގެ މޮޑެލެއްކަމަށެވެ.
ލޯކަލް ކައުންސިލްތަކަށް ޚާއްޞަކޮށްގެން އުފައްދަވާނެކަމަށް ވިދާޅުވި އައު މިނިސްޓްރީގެ ތަފްސީލް ހިއްސާކުރައްވަމުން ޑރ.މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރަންބޭނުންވާނަމަ އެންމެ މުހިންމު އެއްކަމަކީ ސަރުކާރު ތެރެއިން ކައުންސިލްތަކަށް ދޭންޖެހޭ އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަމުގައި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.
ޑރ.މުއިއްޒު ވިދާޅުވީ ލާމަރުޒީ ނިޒާމް ހަރުދަނާ ކުރުމަށް އިތުރު މިިނިސްޓްރީއެއް އުފެއްދެވުމަކީ އެޓޯލްސް މިނިސްޓްރީ އުފެއްދުން ނޫންކަމަށާ، އެ ކޮންސެޕްޓާ އެއްވެސް އެއްގޮތްކަމެއް އަލަށް އުފައްދަވަން ނިންމާފައިވާ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ނުހިމެނޭނެކަމަށެވެ. މުޢީއްޒު ވިދާޅުވީ ކައުންސިލްތަކަށް ޚައްޞަ މިނިސްޓްރީއަށް އައްޔަންކުރައްވާނީ އެކަމަށް ފުލްޓައިމް މިނިސްޓަރެއްކަމަށެވެ. މުޢިއްޒު ވަނީ އައު މިނިސްޓްރީއާއެކު މިހާރު ކައުންސިލްތަކުން މަސައްކަތް ކުރުމަށް ގެންގުޅޭ ހަމަތަކަށް ބަދަލެއް ނާންނާނެކަމަށެވެ.
"މިހާރުވެސް ދުވަހުން ދުވަހަށް ކުރައްވަން ޖެހި ވަޑައިގަންނަވާ ވަރަށް ގިނަ ކަންކަން އެބަހުރި ރަށެއްގެ ކައުންސިލްތަކަށް ދުވަހުން ދުވަހަށް އެލްޖީއޭއަށް ސަރުކާރުގެ ސަޕޯޓް ބޭނުންވާ. އެކަން މިހާރު ލަސްވަމުންދާތީ އެލްޖީއޭގެ ޗެއަރއަކަށް ވަކި މިނިސްޓަރު މި އައްޔަންކުރަނީ އޭރުން ހަމައެކަނި އެވަޒީރު ކުރައްވާނީ ކައުންސިލްތަކާ ގުޅުން ހުރި މަސައްކަތައް" ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރޮޓީ، އެލްޖީއޭއަކީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތެވެ. މިހާރު ޤާނޫނުގައި ބަޔާކުރާގޮތުން އެ މުއައްސަސާ ހިންގެވުމުގެ ޤާނޫނީ ޒިންމާ އަދާކުރައްވާނީ ހޯމް މިނިސްޓަރެވެ. ދެ ޒިންމާ އެއްވަޒީރަކު އަދާކުރުމަކީ ބުރަކަމަކަށްވެފައި، ބޭނުންވާ އަވަސް މިނެއްގައި ކަންކަން ނުދިއުމަކީ ކަންބޮޑުވާކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.